ޖޭއެސްސީ

ޖޭއެސްސީއަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފަށައިފި

Oct 2, 2022

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު އިސްލާހުކުރުމަށްޓަކައި ކަމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

ބަންޑާރަނައިބްގެ އޮފީހުން މިއަދު މަޝްވަރާތައް ކުރިއަށް ގެންދިޔައީ ސުޕްރީމް ކޯޓާއި ޖޭއެސްސީގެ ކަމާ ގުޅޭ ބޭފުޅުންނާ އެކު އެވެ.

ބަންޑާރަނައިބް އޮފީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއް ކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް މިބިލް ހުށަހަޅާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

"އަދި އިސްވެ ދެންނެވި ބިލް އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖޭއެސްސީއާއި އެނޫންވެސް ކަމާ ބެހޭ ފަރާތްތަކާ އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށުމަށް މި އޮފީހުން ވަނީ ނިންމާފަ އެވެ،" ނިމުނު ހަފްތާގައި ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް މުރާޖައާކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްތައް އިދިކޮޅު ކޯލިޝަނުން އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު އެ ބިލްތައް ބޭރުކޮށްލަނީ އެވެ.