ކުޅިވަރު

އޮސަސޫނާއާ އެއްވަރުވެ ރެއާލް މެޑްރިޑަށް އެއްވަނަ ގެއްލިއްޖެ

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-1 އިން އޮސަސޫނާއާ އެއްވަރުވެ ރެއާލް މެޑްރިޑަށް ލީގު ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރޭގެ މެޗުން މޮޅެއް ހޯދައިގެން ތާވަލުގެ އެއްވަނަ ރެއާލަށް އަލުން ލިބުނީހެވެ. އެކަމަކު އެޓީމު މިހާރު ވަނީ ދެވަނަ އަށް ވެއްޓިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލަށް ހަތް މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ބާސެލޯނާ އަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މިއީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ބާސެލޯނާ ލީގުގެ އެއްވަނަ އަށް އެރި ފުރަތަމަ ފަހަރެވެ.

ރެއާލުން ވަނީ ލީގުގެ ފުރަތަމަ ހަ މެޗު ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި ރެއާލުން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހުކޮޅު ވިނީޝަސް ޖޫނިއާ ޖެހި ލަނޑުންނެވެ. އޮސަސޫނާ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ޖެހީ ކިކޭ ގާސިއާ އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ އަށް ކުރި ފައުލަކަށް ރެފްރީ ވަނީ އޮސަސޫނާގެ ޑޭވިޑް ގާސިއާ އަށް ރަތް ކާޑު ދައްކައިފަ އެވެ. ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރަތް ކާޑާ އެކު ރެފްރީ ރެއާލަށް ޕެނަލްޓީއެއް ދިނެވެ. އެކަމަކު އިތުބާރު ފޯވާޑް ބެންޒެމާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއީ އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ބެންޒެމާ ކުޅުނު ފުރަތަމަ މެޗެވެ.

ބެންޒެމާ މެޗުގެ ފަހުކޮޅު އިތުރު ހަމަލާއެއް ގޯލަށް ވައްދާލި ނަމަވެސް އެވަގުތު އޮފްސައިޑުގައި ހުރުމުން ގޯލަކަށް ނުވި އެވެ. މިއީ ރެއާލްގެ ރަސްމީ ދަނޑު ބާނަބެއު ސްޓޭޑިއަމްގައި އޮސަސޫނާ އަށް ރެއާލް އަތުން ޕޮއިންޓެއް ލިބުނު ދެވަނަ ފަހަރެވެ. ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އޮސަސޫނާ މިހާރު ވަނީ ހަތް މެޗުން 13 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ލީގުގައި ރޭ ސެލްޓަ ވީގޯ އިން އަމިއްލަ ދަނޑުގައި 0-1 އިން ރެއާލް ބެޓިސް ބަލިކުރިއިރު ޖިރޯނާއާ ވާދަކުރި މެޗުން ރެއާލް ސޮސިއެޑާޑް ވަނީ 5-3 އިން މޮޅުވެފަ އެވެ. އެސްޕަންޔޯލް އާއި ވެލެންސިއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.