ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ 2-2 އިން އެއްވަރުވެ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަތުން ޕޮއިންޓް ގެއްލުމުގެ ފައިދާ، ރެއާލް މެޑްރިޑުން ނަގައިފި އެވެ.
ރެއާލުން ވަނީ ޖިރޯނާ ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 36 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އެހެންކަމުން ޓޭބަލްގެ އެެއްވަނައަށް ޖެހިލުމުގެ ފުރިހަމަ ބާރު ރެއާލް އަށް މިހާރު އެބައޮތެވެ.
ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ޓީމުތައް
- ބާސެލޯނާ: 17 މެޗުން 38 ޕޮއިންޓް
- ރެއާލް މެޑްރިޑު: 16 މެޗުން 36 ޕޮއިންޓް
- އެތުލެޓިކޯ މެޑްރިޑު: 15 މެޗުން 32 ޕޮއިންޓް
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 36 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނެޓުގައި ބެލިންހަމް ދިން ބޯޅައަކުން އާޑާ ގުލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކިލިއަން އެމްބާޕޭ އެވެ. މިއީ ކްލަބް ލެވެލްގައި އެމްބާޕޭ ޖެހި 200 ވަނަ ލަނޑެވެ. އަދި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން ލީގުގައި އޭނާ ޖެހި 9 ވަނަ ލަނޑެވެ.