ރައީސް މުހައްމަދު ނަޝީދު

ދިރުންތައް މަރާނުލައި ތަރައްގީ ގެނެވެންވާނެ: ނަޝީދު

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ގުދުރަތީ ދިރުންތައް ނައްތާނުލައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީއާ ގުޅޭ ކަންކަން ކުރަން ބޭނުންވުމުން ގުދުރަތީ ދިރުންތައް ނައްތާލުމުގެ ވިސްނުން ދޫކޮށްލަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވާއިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދުމަފުޅުކުރު ކުރެއްވުމަށް. ގަސްގަހާގެހި، މަސްމަހާމެހި، ދޫނިސޫފާސޫފި ފަދަ މިކައުނުގެ ދިރުންތައް ނައްތާލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރުއްވާ އަނެއް ގޮތް ހޯއްދެވުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުދުރަތީ ދިރުންތަކުގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަދައްކަވާފައި މިވަނީ ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެ މަގުގައި ހުރި ބައެއް ގަސްތައް ކަނޑާލާފައިވާތީ އިތުރު ގަސްތައް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް އެދިވަޑައިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމަށްފަހު އެވެ.

ރައީސް ނަޝީދަކީ ތިމާވެށީގެ މައްސަލަތަކުގައި އަބަދުވެސް އަޑުއުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ތިމާވެށީގެ ހިމާޔަތުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތަކާއި ގުޅިގެން ބައިނަލްއަގްވާމީ ގޮތުންވެސް ރައީސް ނަޝީދަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ.