ކުޅިވަރު

ރާއްޖޭގެ އާރާ ތައިލެންޑް ޓެނިސް މުބާރާތުގެ ޗެމްޕިއަނަކަށް

ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ޓެނިސް ފެޑެރޭޝަން މުބާރާތުގެ 14 އަހަރުން ދަށުގެ ޑަބަލްސް ބައިގައި ވާދަކޮށް ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ އާރާ އާސަލް އާޒިމު ހިމެނުނު ޕެއާ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަންހެން ޑަބަލްސް އިވެންޓުގައި އާރާގެ ޕެއާގައި ހިމެނުނީ ފިލިޕީންސަށް ނިސްބަތްވާ ޖާނާ ޑިއާޒް އެވެ. 14 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން އާރާގެ ޕެއާ ހޯދިއިރު 14 އަހަރުން ދަށުގެ ސިންގަލްސް ކެޓެގަރީ އިން އާރާ އަށް ލިބުނީ ތިން ވަނަ ނުވަތަ ބްރޯންޒް މެޑަލް އެވެ.

އާރާ އޮތީ އޭޓީޓީއެފް ޖޫނިއާ ރޭންކިންގެ 14 އަހަރުން ދަށުގެ ބައިގެ 17 ވަނައިގަ އެވެ. އެ މުބާރާތުގައި މިދިޔަ މަހު ވާދަކޮށް ސިންގަލްސް ބައިގެ ބްރޯންޒް މެޑަލް އަދި ޑަބަލްސް ބައިގެ ރިހި މެޑަލް އާރާގެ ޕެއާ ހޯދި އެވެ.

ޒުވާން އުމުރުގައި އާރާ އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އޭގެތެރޭގައި ސްރީ ލަންކާގައި ކުޅުނު ހަތަރު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުން ހިމެނެ އެވެ. ކުރިން ބާސްކެޓްބޯޅަ ވެސް ކުޅުނު އާރާ ޓެނިހަށް ޝައުގުވެރިވެ މުބާރާތްތަކުގައި ވާދަކުރަން ފެށީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

އާރާ ޓެނިހުގެ ކެރިއަރަށް ނުކުމެ އުމުރުން އެންމެ 12 އަހަރުގައި ވަނީ ގައުމީ ޓީމު އެކުލަވާލުމަށް 2020 ވަނަ އަހަރު ބޭއްވި ސިލެކްޝަންގެ އެއްވަނައިގައި ހިމެނިފަ އެވެ. އެ ސިލެކްޝަންގައި އާރާ ވަނީ އޭނާއާ ވާދަކުރި ހުރިހާ ކުޅުންތެރިން ބަލިކޮށްފަ އެވެ.

ޓެނިހުގައި އާރާ ޗެމްޕިއަނަކަށް ހެދުމަށް އާއިލާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އާރާ އަށް ޕްރައިވެޓް ކޯޗެއް ހަމަޖެއްސުމާއި، އެކެޑަމީގައި ބައިވެރިކުރުވުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ހޯދައިދިނުން ހިމެނެ އެވެ.