ކުޅިވަރު

ފުޓްބޯޅަ މެޗުގެ 125 މަރަކީ ވަރަށް ބޮޑު ހިތާމައެއް: ފީފާ

އިންޑޮނީޝީއާގައި މިދިޔަ ހޮނިހިރު ކުޅުނު ލީގު މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 125 މީހުން މަރުވުމަކީ ފުޓްބޯޅަ އަށް ލިބުނު ބޮޑު ދެރައެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ކްލަބް ވާދަވެރިކަން އިންތިހާއަށް އޮންނަ އިންޑޮނީޝިއާގެ ބީއާރުއައި ލީގާ 1 ގައި އަރެމާ އެފްސީ އާއި ޕަސެބަޔާ ސުރަބަޔާގެ މެޗު ނިމުނީ 3-2 އިން ޕަސެބަޔާ މޮޅުވެގެންނެވެ. މިއީ އިންޑޮނީޝިއާގެ އީސްޓް ޖާވާ އަށް ނިސްބަތްވާ ދެޓީމެވެ.

ދަނޑު ފުރާ މީހުން އޮތް ސްޓޭޑިމްގައި މައްސަލަ ހޫނުވީ މެޗު ނިމުނުތަނާ ސަޕޯޓަރުން ދަނޑަށް އެރި ހިސާބުންނެވެ. ސަޕޯޓަރުން ކޮންޓްރޯލް ކުރަން ފުލުހުން ރަޔަޓު ގިޔަރާއި ކަރުނަ ގޭސް ބޭނުންކޮށްފައިވެ އެވެ. ބޮޑު ހަމަނުޖެހުމުގެ ތެރެއިން ގާތްގަނޑަކަށް 125 އެއްހާ މީހުން މަރުވިއިރު 180 މީހުން ޒަހަމްވި އެވެ.

"އިންޑޮނީޝިއާގައި ހިނގި ހިތާމަވެރި ހާދިސާ އަށް ފަހު ފުޓްބޯޅަ އާއިލާ މިއޮތީ ޝޮކެއްގައި. މިއީ ފުޓްބޯޅަ އަށް އަނދިރި ދުވަހެއް" އިންފަންޓީނޯ ވިދާޅުވި އެވެ.

އިންޑޮނީޝިއާގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ކުރިން ވަނީ ހިތާމައިގެ ސުކޫތެއް ގެނެސްފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުއި އިއްޔެ ކުޅުނު ދެ މެޗުގައި ކުޅުންތެރިން ވަނީ އިންޑޮނީޝިއާގެ ހާދިސާއާ ގުޅިގެން އަތުގައި ކަޅު ބޭންޑް އަޅައިފަ އެވެ.

"ފީފާ އާއި މުޅި ދުނިޔޭގެ ފުޓްބޯޅަ ކޮމިއުނިޓީ ހިމެނޭހެން ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަން. މި އުނދަގޫ ވަގުތުގައި ފީފާ އޮތީ އިންޑޮނީޝިއާގެ ރައްޔިތުންނާއި، އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން، އިންޑޮނީޝިއަން ފުޓްބޯޅަ އެސޯސިއޭޝަން އަދި އިންޑޮނީޝިއާގެ ފުޓްބޯޅަ ލީގާ އެކު" ފީފާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ކްލަބް ފުޓްބޯޅައިގައި މީގެ ކުރިން ވެސް ވަނީ ހަމަނުޖެހުމުގެ ތެރެއިން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައިފަ އެވެ. މިގޮތުން 1989 ވަނަ އަހަރު ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް ސެމީ ފައިނަލް މެޗުގައި ލިވަޕޫލްގެ 97 ސަޕޯޓަރުން މަރުވި އެވެ. އެ މެޗު ކުޅުނީ ޝެފީލްޑްގެ ހިލްސްބާގް ސްޓޭޑިއަމްގަ އެވެ.

އިންޑޮނީޝިއާ ކްލަބް ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑުއިރު މީގެ ކުރިން ވެސް މިފަދަ ހަމަނުޖެހުންތައް ވަނީ ހިނގައިފަ އެވެ. އެހެންނަމަވެސް ވާދަވެރި ދެ ކްލަބުގެ ދެމެދުގައި މިހާބޮޑު ހަމަނުޖެހުމެއް ހިނގައި ގިނަ އަދަދެއްގެ މީހުން އެގައުމުގައި މަރުވި މިއީ ފުރަތަމަ ފަހަރެވެ.