ކުޅުދުއްފުށި

ކުޅުދުއްފުށީގެ ހުކުރު މިސްކިތަށް ބަޔަކު ގެއްލުންތަކެއް ދީފި

ހދ. ކުޅުދުއްފުށިގެ ހުކުރު މިސްކިތުގެ ތަޅުމަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދް އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރަށު ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ މިސްކިތުގެ ތަޅުމަށް ގެއްލުންތަކެއް ދީފައި ކަމަށެވެ.

އެގޮތުން މިސްކިތުގެ ތަޅުންމަތީގައި ސިމެންތި އޮލަލައި ނުހިކި ހުއްޓައި ތަޅުންމައްޗަށް ފެން ހޮޅިއެއް ދޫކޮށްލައި، ތަޅުން މަތީގައި އެކި އެއްޗެހި ލިޔެ ވަރަށް ބޮޑަށް ތަޅުންގަޑު ހަލާކު ކޮށްލާފައިވެ އެވެ.

"މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާ އެހެނިހެން ގޮތްތަކުން ބޮޑެތި ގެއްލުންވެ ރަށުގެ ތަރައްގީއަށް ހުރަސްއެޅެމުންދާކަން ހިތާމަޔާއެކު ފާހަގަކުރަން" މޭޔަރު ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ހުކުރު މިސްކިތް ނުވަތަ މަސްޖިދުލް ހަޟާރާތު ބަންދުކޮށްގެން މަރާމާތުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.