ކުޅިވަރު

ހިގުއައިން ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފި

އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓިނާގެ ކުރީގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން މިހާރު 34 އަހަރުގެ ހިގުއައިން އިންޓަ މިއާމީއާ ގުޅުނީ 2020 ވަނަ އަހަރު އެވެ. އެ ކްލަބުގައި ފަހު ސީޒަން ގުނަމުންދާއިރު ހިގުއައިންގެ އަމާޒަކީ އިންޓަ މިއާމީ މި ސީޒަނުގެ މޭޖާ ލީގު ސޮކާގެ ޕްލޭއޮފަށް ކޮލިފައި ކޮށްދިނުމެވެ.

ހިގުއައިން އަކީ ރެއާލް މެޑްރިޑާއި، ނަޕޯލީގެ އިތުރުން ޔުވެންޓަސް އަށް ކުޅެފައިވާ ކާމިޔާބު ކުޅުންތެރިއެކެވެ. މި ކްލަބްތަކުގެ އިތުރުން ލޯނު އުސޫލުން އޭސީ މިލާން އާއި ޗެލްސީ އަށް ހިގުއައިން ކުޅުނެވެ. ޔޫރަޕްގެ ކްލަބްތަކަށް ކުޅުމުގެ ކުރިން ހިގުއައިން ވަނީ ކްލަބް ޕެލާމޯ އާއި ރިވަ ޕްލޭޓަށް ކުޅެފަ އެވެ.

"ފުޓްބޯޅަ އަށް އަލްވަދާއު ކިޔަންވީ ދުވަސް އައިސްފި. އަހަރެން ކުޅުނު ހުރިހާ ކްލަބަކަށް ޝުކުރު އަދާކުރަން. އަހަރެން ހީކުރި ވަރަށްވުރެ ފުޓްބޯޅައިގެ ކެރިއަރު ކާމިޔާބު. ކުޅުން ހުއްޓާލަން ވިސްނީ މީގެ ތިނެއް ނޫނީ ހަތަރު ވަރަކަށް މަސް ކުރިން" ހިގުއައިންގެ މެސެޖުގައި ބުންޏެވެ.

ކްލަބް ކެރިއަރުގައި ކުޅުނު 707 މެޗުގައި ހިގުއައިން ވަނީ 333 ގޯލު ޖަހައި 113 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އޭގެތެރެއިން 121 ގޯލަކީ ރެއާލް މެޑްރިޑަށް ކުޅުނު 264 މެޗުގައި ހިގުއައިން ޖެހި ގޯލެވެ. މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ އަށް 14 ގޯލު ޖަހައިދީފައިވާއިރު ސީޒަނުގެ ފަހު ދެ މެޗުގައި އިންޓަ މިއާމީ ނުކުންނާނީ އޯލާންޑޯ އާއި މޮންޓްރިއަލްއާ ދެކޮޅަށެވެ.

ހިގުއައިން ވަނީ ރެއާލް މެޑްރިޑް ގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބުކޮށް ޔުވެންޓަސް ގައި ވެސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ހިގުއައިން ވަނީ 75 މެޗު ކުޅެދީ 31 ގޯލު ޖަހައިފަ އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ދިޔައިރު ހިގުއައިން މުހިއްމު ދައުރެއް އަދާކުރި އެވެ. އެކަމަކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު ކޮޅަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއް ބޭކާރުކޮށްލުމުން ހިގުއައިން އަށް ފާޑުކިޔުން އަމާޒުވި އެވެ.

ހިގުއައިން ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާގެ މައްޗަށް 1-2 އިން އާޖެންޓީނާ ކުރި ހޯދި މެޗުގަ އެވެ.

އިންޓަ މިއާމީގެ ކޯޗު ފިލް ނެވިލް ބުނީ ހިގުއައިން އަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅަ ކުޅުނު ކާމިޔާބު ކުޅުންތެރިއެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ހިގުއައިން އަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށާއި ދަނޑުމަތީގައި ހިގުއައިންގެ ނުޒޫފަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.