އިންޑިއާގެ ނިލިމާރީ އަވަށުގައި ދިރިއުޅޭ އާއިލާއެއް ވިހަގަދަ ހަރުފަދަ ތަކަކާއެކު ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ.
އެ މީހުން ދިރިއުޅޭ ގޭގައި އެ މީހުންނެކޭ އެއްގޮތަށް ހަރުފަތައް ވެސް ދިރިއުޅެމުންދާއިރު މިހާތަނަށް އެގޭގެ އެއްވެސް މީހަކަށް ހަރުފައެއްގެ ފަރާތުން ގެއްލުމެއް ކުރިމަތިވެފައެއް ނުވެ އެވެ.
އެމީހުންނެކޭ އެއްފަދައިން ހަރުފަތައް ވެސް އެ ގޭގައި އަމާން ކަމާއެކު ދިރިއުޅެމުންދާ ކަމަށް ވެއެވެ.
ނީލަކަންތާ ބޫމިޔާ އާއިލާ ދިރިއުޅެނީ ވަރަށް ދެރަކޮށް ހަދާފައި ހުންނަ ތިން ކޮޓަރީގެ ގެއެއްގަ އެވެ. އެ ގޭގެ ދެ ކޮޓަރީގައި ދިރިއުޅެނީ ހަރުފަ ތަކެވެ. އަނެއް ކޮޓަރީގައި އެ ގޭގެ އެންމެންނެވެ.
އެ ކޮޓަރިތަކުގައި ހަރުފަ ހާލި ހަދައިގެން އުޅޭކަން އެމީހުންނަށް އެނގުމުން ވެސް އެމީހުން އެ އެއްޗެތި ނެރެ ބޭރުކުރާކަށް ބޭނުމެއް ނުވި އެވެ. އެ އެއްޗެހި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި އެމީހުން ވެސް ދިރިއުޅެމުން ގެންދިޔައީ އެވެ. އަދި ގެރީގެ ކިރު ބޯންދީގެން އެ ގޭގެ މީހުން އެ ހަރުފަތަކަށް ހަފުތާ އަކު ދެ ދުވަހު އަޅުކަން ވެސް ކުރާ ކަމަށް ވެއެވެ.
މި ގެ މުޅި އެ އަވަށަށް ވެސް މަޝްހޫރުވެފައިވަނީ ނިލިމާރީ އަވަށުގެ "ހަރުފަ ގެ" ނަމުންނެވެ.
"އަހަރެމެން އެ އެއްޗިއްސަށް ގެރީގެ ކިރު ބޯންދީ އޯގާތެރިކޮށް ކަންތައް ކުރަން. ކައިވެންޏަށް ފަހު އަހަރެން ފިރިމީހާގެ ގެއަށް ދިއުމުން މިހާރު އެ އެއްޗިއްސާ އަޅާ ލަނީ އާއިލާގެ އެހެން މީހުން. އެ އެއްޗެތި އުޅޭތަން ސާފުކޮށް ހަދަނީ ވެސް އެމީހުން. އެ އެއްޗެތި ގޭގައި ދިރިއުޅުނަސް މިހާތަނަށް އަހަރެމެންނަށް އެއްވެސް މައްސަލައަކާ ކުރިމަތިވެފައެއް ނުވޭ،" ނީލަކާންތާގެ އަންހެން ދަރިފުޅު ލަކްޝްމީ ކަބާސީ އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ނަމަވެސް ހަރުފައިގެ ތަޖުރިބާކާރުން ބުނަނީ ދިރިއުޅޭ ގޭގައި ހަރުފަ ގެންގުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ހަރުފައަކީ އާއްމުކޮށް ކިރު ބޯ އެއްޗެއް ނޫން ކަމަށާއި އެ އެއްޗިއްސަށް ކިރު ދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ހަރުފައިގެ ތަޖުރިބާކާރު ބުންޏެވެ. އަދި ހަރުފައަށް އަޅުކަން ކުރުމަކީ ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރު ބުންޏެވެ.
މި އާއިލާއިން ހަރުފަ ގެންގުޅޭ ވާހަކައަކީ މިހާރު މުޅި އެ އަވަށުގެ އެންމެން ދައްކާ ވާހަކަ އަކަށް ވަނީ ވެފަ އެވެ. ނަމަވެސް ނީލަކަންތާ އާއި އޭނާގެ އާއިލާގެ މީހުން އެކަމަކާ އަޅައެއް ނުލަ އެވެ.