ރާއްޖެ ކުޅިވަރު

ައަފްގާނިސްތާން ބަލިކޮށް ގުރޫޕްގެ އެއްވަނަ ރާއްޖެ އަށް

މާލޭގައި މިހާރު ކުރިއަށްދާ އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުގެ ގުރޫޕް އޭގެ ފަހު މެޗުގައި މިއަދު އަފްގާނިސްތާން އަތުން މޮޅުވެ ދިވެހިރާއްޖެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް އިން ޖާގަ ހޯދައިިފި އެވެ.

ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި މިއަދު އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވީ ސީދާ ދެ ގޭމުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި މާދަމާ ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ޕާކިސްތާނެވެ.

ރާއްޖެ ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ވެސް މޮޅުވެފަ އެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އަޝްފާގް އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަނިލް ނަސީރު އަދި ޝިއުނާޒް އަބްދުލް ވާހިދެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ޖުމްލަ ހަ ގައުމަކުން ވާދަކުރެ އެވެ. ގުރޫޕް އޭގައި އޮތް ރާއްޖެ އާއި އަފްގާނިސްތާން އަދި ބަންގްލަދޭޝްގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރަނީ އިންޑިއާ އާއި ޕާކިސްތާން އަދި ނޭޕާލެވެ.

މި މުބާރާތުގެ އަންހެން ބައިގައި ވާޑަކުރަނީ ރާއްޖެ އާޢި ނޭޕާލް އެކަންޏެވެ. އަންހެން ޑިވިޝަންގެ މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ. ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އަރީޝާ އާއި އައިމިނަތު ރާޝިދާ އާއި އައިޝަތު ޝައްފަ އަދި ޖޫޒާން ޒަރީރެވެ.