ލައިފްސްޓައިލް

ސައިބާ ބުލީން ބަދަލުވީ އަންހެނެއްގެ ހަޔާތް

މޭ 2017 ގައި އެމެރިކާގެ ސެންޓް ލުއިގައި ދިރިއުޅޭ މީހަކު އޭނާގެ ލޯބިވެރިޔާއަށް ޕްރޮޕޯޒްކުރި އެވެ. ބިންމަތީގައި އެއް ކަކޫ ޖަހާފައި އޭނާ ލޯބިވެރިޔާ ކުރެން ކައިވެންޏަށް އަހައި އެންގޭޖްވާއިރު ދެ މީހުންގެ ގާތް އެކުވެރިންގެ ތެރެއިން ބައެއް މީހުން ފޯނުން އެ މަންޒަރު ފޮޓޯ ނަގަމުން ދިޔަ އެވެ. އަދި މީގެން އެއް ފޮޓޯ ފޭސްބުކްގައި ޕޯސްޓް ކުރި އެވެ.

އެތަނުގައި އެ ވަގުތު ތިބި މި ދެ ލޯބިވެރިންގެ އެކުވެރިންގެ ތެރެއިން އެކަކީ ޖެސިކާ މެކްޑެނިއަލްސް ނަމަކަށް ކިޔާ 32 އަހަރުގެ ހެއާސްޓައިލިސްޓެކެވެ. ޖެސިކާގެ އެކުވެރިޔާގެ އުފަލުގައި ބައިވެރިވެ އަމިއްލަ ފޯނުން ފޮޓޯ ނަގަމުން ދިޔައިރު ޖެސިކާ ހުރީ ވަރުގެ ކޮޅަށް ހެވިފަ އެވެ. އަދި އެންގޭޖްމަންޓް ފޮޓޯތައް އިންޓަނެޓުގައި ވައިރަލް ވުމާއެކު ސައިބާ ބުލީގެ ޝިކާރައަކަށް ޖެސިކާ ވިއެވެ. އަދި ބައެއް މީހުން ހަމައެކަނި ޖެސިކާގެ ފޮޓޯ ކްރޮޕްކޮށްފައި އޭނާގެ ދަތްޕިލައަށް މަލާމާތްކޮށް ގިނަ އަދަދެއްގެ ޕޯސްޓްތައް ކޮށް އޭނާއަށް ހަނގާ ކުރި އެވެ.

މި ޕޯސްޓް ވައިރަލްވެ އެތައް ހާސް ބަޔަކު ޖެސިކާ އަށް މަލާމާތްކޮށް ފުރައްސާރަކުރީ އޭނާއަށް މިކަމުން ކުރާނެ އަސަރާއި ލިބޭނެ ހިތްދަތިކަމާ މެދު އެއްގޮތަކަށް ވެސް ވިސްނާލުމެއް ނެތި އެވެ.

ޖެސިކާގެ ދަތްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް މީހުން ކުރާ މަލާމާތް ޖެސިކާ އަށް އަލެއް ނޫނެވެ. ވަރަށް ކުޑައިރުއްސުރެ އޭނާއަށް މި މަލާމާތްތައް އަބަދާ އަބަދު އިވިއިވި ހުރެ އެވެ. އަދި ދަތުގެ ޚާއްސަ ޑޮކްޓަރުން ކައިރިން ފަރުވާ ހޯދައި މިކަން ރަނގަޅުކުރަން ޖެސިކާ އާއި އޭނާގެ އާއިލާ އިން ވެސް ތިބީ ބޭނުން ވެފަ އެވެ. ނަމަވެސް އެކަމަށް ދާ ޚަރަދު ބޮޑުކަމާއި އާއިލާގެ މީހުންގެ ފަގީރުކަމުން އެކަން ނުކުރެވިފައި ތިބީ އެވެ.

ކުޑައިރު ޖެސިކާ އަށް ކަންފަތުގެ އިވުމުގައި ވެސް މައްސަލަތަކެއް ހުއްޓެވެ. އެހެންވެ ކަންފަތުގެ ގިނަ ސާޖަރީތަކެއް ޖެސިކާ ކުޑައިރު ހަދާފައި ވެއެވެ. އޭނާގެ ދަތްތައް ވެއްޓިފައި ނުފަޅާ ވެސް ގިނަ ދުވަސްތަކަކު ހުއްޓެވެ. އެ ދަތްތައް އެންމެ ފަހުން ފެޅީ ޖެސިކާގެ އުމުރުން 12 އަހަރު ވީ ފަހުންނެވެ. އަދި ފެޅިއިރު ހުރިހާ ދަތެއްހެން ހުރީ އެ ގޮތް މިގޮތަށް ބޭރަށެވެ.

ޖެސިކާ އަށް ރީތި ހިނިތުންވުމެއް ލިބުނު މަންޒަރު ފެންނަ ވީޑިއޯ

ޖެސިކާ ބޮޑުވަމުން ދިޔަ ވަރަކަށް އޭނާގެ ދަތްތައް އެހެން ހުރުމުން އަޅާ ވޭން ވެސް އިތުރުވަމުން ދިޔަ އެވެ. އެއްޗެތި ކައި އުޅެން ދަތިކަމަކަށް ވިއެވެ. ނަމަވެސް އަޅާ ވޭނާއި ދަތްތައް އެހެން ހުރުމުން އެ ގަންނަ ލަދު ފޮރުވައިގެން ޖެސިކާ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ އެވެ.

ގާތް އެކުވެރިއެއްގެ އުފަލުގައި ބައިވެރިވެ އޭނާ އުފަލާއެކު ހިނިތުންވެލުމަކީ އެކުވެރިޔާގެ ހަޔާތުގައި އައި އެންމެ ޚާއްސަ އެއް ދުވަހުގެ ފޮޓޯތައް ބޮޑު ޖޯކަކަށް ވެދާނެ ސަބަބަކަށް ވެދާނެ ކަމަކަށް ޖެސިކާ ހިޔެއް ނުކުރެ އެވެ.

އެހެންވެ ފޮޓޯތައް އޭނާ އާ ހެދި ވައިރަލްވެ އެންމެންގެ މަލާމާތް އެ ފޮޓޯތަކަށް ރައްދުވާން ފެށުމުން އެކުވެރިޔާގެ ކިބައިން ޖެސިކާ މައާފަށް އެދުނެވެ. އެމީހުންގެ އުފާވެރި ހަނދާންތަކަކަށް ދިމާވި ބަދުނަސީބު ގޮތުގެ އަސްލަކީ އޭނާ ކަމަށް ވާތީ އެވެ. ނަމަވެސް ހަގީގަތުގައި މިކަމުގައި ޖެސީކާގެ އެއްވެސް ކުށެއް ނެތެވެ. ކުށް އޮތީ އޭނާއަށް ބުލީ ކުރި މީހުންގެ އެވެ.

ޖެސިކާއަށް ގިނަ ބަޔަކު ވަރަށް ހަޑި ހުތުރު ބަހުން މަލާމާތްކުރަމުންދިޔައިރު އޭނާގެ ބައެއް އެކުވެރިން ގޯފަންޑްމީ ޕޭޖެއް ހަދައި ޖެސިކާގެ ދަތްތަކުގެ ސާޖަރީއަށް ފައިސާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި އެ ރަށުގެ ނޫސްތަކުގައި ވެސް ޖެސިކާގެ ވާހަކަ ޝާއިއުކުރި އެވެ.

ޖެސިކާ ރަށުގެ މަޝްހޫރު ޑެންޓިސްޓަކަށް އޭނާގެ ވާހަކަ ނޫހަކުން ފެނުނެވެ. އަދި ޖެސިކާގެ "އާ ހިނިތުންވުމެއް" ގެނެސްދޭން މުޅިން ހިލޭ މަސައްކަތް ކޮށްދޭން އެ ޑެންޓިސްޓް ނިންމި އެވެ.

ސައިބާ ބުލީގެ ޝިކާރައަކަށް ވުމާ ހަމައިން ޖެސިކާ އަށް މުޅިން އާ ހިނިތުން ވުމެއް ލިބުމާ ހަމަޔަށް ކުރި ދަތުރުގެ ޔޫޓިއުބު ވީޑީއޯ އަކީ މިހާރު އިންޓަނެޓުގައި އެންމެ ހިނގާ އެއް ވީޑީއޯ އެވެ.

ސައިބާ ބުލީ އަކީ ގިނަ ފަހަރަށް މީހުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލާ އެއްޗަކަށް ވިޔަސް މިފަހަރު ޖެސިކާ އަށް މިކަން ވެގެން ދިޔައީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހުޅުވިގެން ދިޔަ މަގަކަށެވެ. އޭނާއަށް "ރީތި ހިނިތުންވުމެއް" ލިބެން މެދުވެރި ސަބަބަކަށެވެ.