ވިޔަފާރި

50 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނަށް ފޯމް ހުށަހަޅަން ހުޅުވާލައިފި

ވިޔަފާރީގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ފެށި ފަންސާސް މިލިއަން ރުފިޔާގެ އެސްއެމްއީ ލޯން ސްކީމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެސްއެމްއީ ލޯން ސްކީމަކީ 50 މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލެވޭ ލޯން ސްކީމެކެވެ. އެ ސްކީމުގެ ދަށުން ޖުމްލަ އަށް ދާއިރާއަކަށް ލޯނު ދޫކުރާނެ އެވެ. 18 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ބިޒްނަސް ޕްލޭނަކާއެކު އެކު އެސްއެމްއީ ލޯނަށް އެދި ހުށަހެޅޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްއެމްއީ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ، އެ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގެ އާދީއްތަ ދުވަހުންފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ހުޅުވާލޭނެ ކަމަށާއި، އެޕްލިކޭޝަން ފޯމް، އިކޮނޮމިކް މިނިސްޓްރީންނާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބިޒުނަސް ސެންޓަރުތަކުން ބަލައިގަންނާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމާއި ބިޒްނަސް ޕްލޭން އީމެއިލް މެދުވެރިކޮށް ފޮނުވުމުންވެސް ބަލައިގަންނާނެ ކަމަށެވެ.

އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭނީ އެކަމަށް ކަނޑައަޅާފައިވާ މެއިލް އެޑްރެސް، [email protected] އަށެވެ.

ފިރުޝާން ވިދާޅުވީ ލޯނަކީ ޒުވާނުންނަށް ހާއްސަ ލޯނެއް ކަމުން، މާކްސް ދިނުމުގައި ޒުވާނުންނަށް އިތުރަށް މާކްސް ލިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރު ކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ތިމާވެށި ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް ވެސް އިތުރަށް މާކްސް ލިބޭނެ ކަމަށެވެ.

މި ސްކީމުގެ ބޭނުމަކީ އަލަށް ވިޔަފާރިއަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައި ދިނުން. މީގެ ތެރޭގައި ހާއްސަކޮށް އަންހެނުންނާއި ޒުވާނުން އެބަ ހިމެނޭ. ނަމަވެސް އެނޫން ފަރާތްތަކަށް ވެސް ލޯނަށް ހުށަހެޅޭނެ،" ފިރުޝާން ވިދާޅުވި އެވެ.

މި ސްކީމްގަި ލޯނު ލިބޭ އަމިއްލަ ފަރާތްތަކަށް ފަސް ލައްކަ ރުފިޔާއާ ހަމަޔަށް ލޯނު ލިބޭއިރު ގުޅިގެން ކުރާ ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ އެވެ. އެސްއެމްއީ ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކަށް އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭނީ ނުވަ ޕަސެންޓެވެ. ލޯނަށް ހޮވުމަށް ރަހުނެއް ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް ދަރަނި އަދާކޮށް ހަލާސްވަންދެން ލޯނުގެ ދަށުން ހޯދޭ މުދާލާއި ތަކެތި މޯގޭޖް ކުރެވޭނެ އެވެ.

ލޯނުގެ ދަރަނި އަދާކުރަން އެއް އަހަރުގެ ގްރޭސް ޕީރިއަޑާ އެކު ހަ އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ގްރޭސް ޕީރިއަޑުގައި ދަރަނި އަދާކުރަން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ފައިސާ ދައްކަން ނުފަށައިފި ނަމަ އެ މުއްދަތު ނިމުމުން ތާވަލު ބާތިލުކޮށް، މުޅި ލޯނު އެއްފަހަރާ ދައްކަން އެ ފަރާތަކަށް އެންގޭނެ އެވެ.

އެސްއެމްއީ ސްކީމްގެ ދަށުން ފައިނޭންސް ކުރާ ދާއިރާތައް:

ފަތުރުވެރިކަމުގެ ދާއިރާ:

މިބައިގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމާއި ގުޅޭ އެކި ވިޔަފާރިއެވެ. ފަތުރުވެރި ކަމުގެ ދާއިރާއަށް ލޯން ފަންޑުން 20 ޕަސެންޓް ވަނީ ކަނޑައަޅާފައެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގެ ގޮތުގައި ބަލާ ވިޔަފާރިތައް:

- ގެސްޓްހައުސް ތަރައްގީކުރުމާއި ފުޅާކުރުން
- އަތްތެރި މަސައްކަތުން ސުވެނިއާ އުފެއްދުމަށް ކުރެވޭ މަސައްކަތްތަކާއި ވިޔަފާރި
- ޑައިވިން، ފޮޓޯގްރަފީ، ވޯޓާ ސްޕޯޓްސް ފަދަ ދާއިރާއާ ގުޅޭ އެކި މަސައްކަތް ކުރާ ވިޔަފާރި

ދަތުރުފަތުރުކުރުމުގެ ދާއިރާ:

ދަތުރުފަތުރާ ބެހޭ ވިޔަފާރީގެ ދާއިރާއަށް ޖުމްލަ ފަންޑުގެ 20 ޕަސެންޓް ހޭދަކުރާނެ އެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގެ ގޮތުގައި ހިމެނެ
- ސައިކަލާއި ކާރު ފިޔަވައި އެއްގަމު އުޅަނދު ގަތުމަށް
- ކަނޑު ދަތުރު ކުރާ އުޅަނދު ގަތުމަށް ނުވަތަ މަރާމާތު ކުރުމަށް

އިމާރާތްކުރުމުގެ ދާއިރާ:

އިމާރާތްކުރުމުގެ ދާއިރާއަށް، އެސްއެމްއީ ލޯނު ފަންޑަށް ކަނޑައެޅިފައިވާ 50 މިލިއަން ރުފިޔާގެ ތެރެއިން 15 ޕަސެންޓް ކަނޑައަޅާފައިވެ އެވެ. ކޮންސްްޓްރަކްޝަން ވިޔަފާރީގެ ގޮތުގައި ބެލެވޭނީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށާއި، ސަބް ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ:

މި ކެޓަގަރީ އިން ލޯނު ލިބޭނީ، މަސްވެރިކަމުން ނުވަތަ ދަނޑުވެރިކަމުން އުފައްދާ ތަކެތި ޕްރޮސެސް ކުރުމަށާއި، ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މެޝިނާއި އެހެންވެސް ވަސީލަތް ހޯދަން ބޭނުންވާ ފަރާތްތަކަށެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވަނީ ސްކީމް ފަންޑުން 10 ޕަސެންޓެވެ.

ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ:

އިވެންޓް މެނޭޖްމަންޓާއި، ތައުލީމާއި ތަމްރީން ދިނުމާއި ހޮޓެލް ފަދަ ތަންތަން ހިންގުމާއި ޕްރޮފެޝަނަލް ސާވިސް ދިނުން ފަދަ ވިޔަފާރިތަކަށް ފައިނޭންސްކުރާނީ މި ކެޓަގަރީގެ ދަށުންނެވެ. މި ދާއިރާއަށް ކަނޑައަޅާފައިވަނީ ލޯނު ފަންޑުން 10 ޕަސެންޓެވެ.

ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ:

އިވެންޓް މެނޭޖްމަންޓާއި، ތައުލީމާއި ތަމްރީން ދިނުމާއި ހޮޓެލް ފަދަ ތަންތަން ހިންގުމާއި ޕްރޮފެޝަނަލް ސާވިސް ދިނުން ފަދަ ވިޔަފާރިތަކަށް ފައިނޭންސްކުރާނީ މި ކެޓަގަރީގެ ދަށުންނެވެ. މި ދާއިރާއަށް ކަނޑައަޅާފައިވަނީ ލޯނު ފަންޑުން 10 ޕަސެންޓެވެ.

މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ދާއިރާ އާއި އޯޕަން ކެޓަގަރީ ދާއިރާއިން ފޯމް ހުށަހަޅާ ފަރާތްތަކަށް ވެސް ފައިނޭންސް ކުރާނެ އެވެ. ވޭސްޓް މެނޭޖްމަންޓްގެ ދާއިރާއަށް ދޫކުރާނީ ލޯނު ފަންޑުގެ ފަސް ޕަސެންޓެވެ. އަދި އޮޕަން ކެޓަގެރީގެ ދާއިރާއަށް 10 ޕަސެންޓެވެ.

ފިރުޝާން ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ތިން ވަރަކަށް މަސްތެރޭގައި ފައިސާ ދޫކުރަން ކަމަށެވެ. ފައިސާ ދޫކުރާނީ އެކި ބައިބަޔަށް ބަހާލައިގެން ކަމަށެވެ.