ބޮލީވުޑް

ސިދާރްތު-ކިއާރާ ސިއްރުން ކައިވެނި ކުރީތަ؟

ބޮލީވުޑްގެ ހަގީގީ ލޯބީގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެއް ޖޯޑަކީ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އެވެ. މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމަކަށް މީޑީއާގައި އެއްބަހެއް ނުވެ އެވެ. ނަމަވެސް އެމީހުންގެ ހަރަކާތްތައް ހުންނަ ގޮތުން އެއީ ދެ ލޯބިވެރިންކަން ޔަގީން ކުރެވެ އެވެ.

އިއްޔެ ވައިރަލްވެގެން އުޅޭ މި ދެ އެކްޓަރުންގެ ވީޑީއޯ ގިނަ ބައެއްގެ ހިތްތަކާ ކުޅެލީ ވެސް މި ދެ އެކްޓަރުންގެ ގާތްކަން ވިސްނިގެންނެވެ.

މި ވީޑީއޯގައި ކިއާރާ އާއި ސިދާރްތު ތިބީ ފެސްޓިވަލް އަކަށް ތައްޔާރުވެ ހެދުން އަޅާ ގޮތަށް ވަރަށް ނަލަ ހެދިގެންނެވެ. ރީނދޫ ކުލައިގެ ހެދުމެއް ކިއާރާ އަޅާފައި ހުރިއިރު ސިދާރްތު ހުރީ ފެހިކުލައިގެ ޝޭރްވާނީ އެއްގަ އެވެ.

ވީޑީއޯގައި ފެންނަނީ ސިދާރްތުގެ ލޮލަށް ކޮންމެވެސް އެއްޗެއް ވެއްޓިގެން ކިއާރާ އެ ނަގައިދޭން އުޅޭ ތަނެވެ. މިއީ ދެ މީހުން އެކުގައި ކުޅޭ އިޝްތިހާރެއްގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ވީޑީއޯއެއް ކަމަށް ވެއެވެ.

މި ވީޑީއޯ އިސާހިތަކު ވައިރަލްވެ އެތައް ހާސް ބަޔަކު ވީޑީއޯ އަށް ލައިކް ދީ ކޮމެންޓުތައް ކޮށްފައި ވެއެވެ.

އެގޮތުން ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި ދެ މީހުންނަކީ މިހާރު ދެމަފިރިން ހެން ހީވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ދެ މީހުންގެ ގާތްކަން ހުރި މިންވަރުން އެމީހުންނަކީ ކައިވެނިކޮށްގެން އުޅޭ ދެ މީހުން ނޫންކަމަށް ގަބޫލުކުރަން ދަތިކަމަށް އެހެން ފޭނަކު ބުނެފައި ވެއެވެ. އަދި މިއީ އޯފް ސްކްރީން މަންޒަރެއްތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައި ވެއެވެ.

ސިދާރްތު އާއި ކިއާރާ ރުޅިވި ވާހަކައެއް ވެސް މިއަހަރު ކުރީކޮޅު ދެކެވުނެވެ. ނަމަވެސް މިއީ ހަމައެކަނި މީހުން ދައްކާ ޔޯލަ ވާހަކަކަން ޔަގީންވީ އޭގެ ފަހުން ވެސް ދެ މީހުން އަބަދު އެކުގައި އުޅޭތަން ފެންނާތީ އެވެ.