ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިއަކަށް ފްރާންސާ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ވެއްޖެ އެވެ.
ފޯބްސްގެ ލިސްޓުގެ ކުރިއަށް އެމްބާޕޭ އެރިއިރު މިއީ ފާއިތުވި ނުވަ އަހަރުތެރޭ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިއަކު މި ލިސްޓުގެ އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.
ކުޅުންތެރިންގެ އާމްދަނީ އާއްމުކުރާ ފޯބްސްގެ ތަފާސްހިސާބުގައިވާ ގޮތުން އުމުރުން 23 އަހަރުގެ އެމްބާޕޭ އަށް މި ސީޒަނުގައި 128 މިލިއަން ޑޮލަރު ލިބޭނެ އެވެ. ދެވަނައިގައި އޮތް މެސީ އަށް 120 މިލިއަން ޑޮލަރު ލިބޭއިރު ތިންވަނައިގައި އޮތް ރޮނާލްޑޯ އަށް ލިބޭނީ 100 މިލިއަން ޑޮލަރެވެ.
ލިސްޓުގެ ހަތަރު ވަނައިގައި ނޭމާ އުޅޭއިރު ފަސްވަނައިގައި އޮތީ ލިވަޕޫލްގެ މުހައްމަދު ސަލާހް އެވެ. މިއަހަރު ނޭމާ އަށް 87 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ސަލާހް އަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 53 މިލިއަން ޑޮލަރެވެ.
މެސީ އާއި ރޮނާލްޑޯގެ ކުރިން މި ލިސްޓުގެ އެއްވަނަ ހޯދީ 2013 ވަނަ އަހަރު ޑޭވިޑް ބެކަމް އެވެ.
އެމްބާޕޭ ވަނީ ޕީއެސްޖީއާ އެކު މިދިޔަ މެއި މަހު ތިން އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެމްބާޕޭ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބްރޭންޑްތަކުގެ ތެރޭގައި ޑިއޯ އާއި ނައިކީ، ހުބްލޮޓް އަދި އޯކްލޭ ހިމެނެ އެވެ.
ފްރާންސްގެ މޮނާކޯގައި މޮޅު ކުޅުމެއް ދެއްކުމުން 2017 ވަނަ އަހަރު އެންމެ ފުރަތަމަ އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ ލޯނު އުސޫލުންނެވެ. އޭގެފަހުން އޭނާ ޕީއެސްޖީގެ އެއްބަސްވުން ދާއިމީކުރި އެވެ. ޕީއެސްޖީގައި އެމްބާޕޭ ވަނީ 11 ތަށި އުފުލާލައިފަ އެވެ. އޭގެތެރޭގައި ލީގު ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދި އެވެ.
އެންމެ ބޮޑު އާމްދަނީ ލިބޭ ލިސްޓުގެ ގަދަ 10 ގައި ދެން ހިމެނެނީ އާލިން ބްރައުޓް ހާލަންޑް، ރޮބާޓް ލެވަންޑޯސްކީ، އެޑެން ހަޒާޑް، އަންދްރެސް އިނިއެސްޓާ އަދި ކެވިން ޑި ބްރޭނާ އެވެ.