ކީލިއަން އެމްބާއްޕޭ

ކުރިއަށް އޮތް މެޑްރިޑް ޑާބީގައި އެމްބާޕޭ ނުފެންނާނެ

ރެއާލް މެޑްރިޑަށް ކުޅެމުންދާ ފްރާންސްގެ ސްޓްރައިކަރު ކިލިއަން އެމްބާޕޭއަށް އަނިޔާވެ، އަންނަ ހަފްތާގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން މައުލޫމާތު ދީފި އެވެ.

ސްޕެނިޝް ލީގުގައި ފާއިތުވި ހަފްތާގައި ޑިޕޯޓިވޯ އަލަވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގެ 80 ވަނަ މިނެޓުގައި އެމްބާޕޭއަށް އަނިޔާވެގެން ދަނޑުން ބޭރުކުރަން ޖެހުނެވެ.

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެމްބާޕޭގެ ފައިގެ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި، މި ސަބަބާ ހުރެ އޭނާ ކުޅުމާ ދުރަށް ދާންޖެހޭ ކަމަށެވެ/

އެމްބާޕޭއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރަށް ދާންޖެހޭނެ މުއްދަތެއް ރެއާލް މެޑްރިޑުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މަހުގެ 30 ވަނަ ދުވަހު އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެކަން ކަށަވަރުކޮށްދީފައިވެ އެވެ.

މި ސީޒަންގައި ގިނަ މެޗުތަކެއް ކުޅެންޖެހޭ ގޮތަށް ފުޓުބޯޅަ ކަލަންޑަރު އެކުލަވާލާފައިވާތީ، ކުޅުންތެރިންގެ ފިޓްނަސްއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ކްލަބުތަކާއި ކޯޗުންނާއި ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ބައެއް ކުޅުންތެރިން މި ކަލަންޑަރަކީ ހަމައެކަނި މާލީ މަންފާއަށް އަމާޒުކޮށް އެކުލަވާލާފައިވާ އެއްޗެއް ކަމަށް ބުނެ، އިހުތިޖާޖު ކުރުމަށް ގޮވާލާފައިވެ އެވެ.

ޕެރިސް ސެއިންޓް-ޖަމޭން (ޕީއެސްޖީ) ދޫކޮށް މި ސީޒަންގައި ރެއާލް މެޑްރިޑާ ގުޅުނު ފަހުން، އެމްބާޕޭ ވަނީ އެ ޓީމަށް ކުޅުނު 9 މެޗުގައި 7 ލަނޑު ޖަހާފަ އެވެ.