ސްޕެނިޝް ލީގުގައި ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގުގެ 100 އިންސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.
ލީގުގެ ފުރަތަމަ ހަ މެޗުން ރެއާލް މީގެ ކުރިން މޮޅުވީ 88-1987 ވަނަ ސީޒަނުގަ އެވެ.
ރޭގެ މޮޅާ އެކު ހަ މެޗުން ރެއާލް ވަނީ 18 ޕޮއިންޓް ހޯދައިފަ އެވެ. ރެއާލްގެ ފަހަތުން ދެ ވަނައިގައި އޮތީ 16 ޕޮއިންޓް ލިބިފައިވާ ބާސެލޯނާ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 15 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެތުލެޓިކޯ މެޑްރިޑް އޮތީ 10 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކަރީމް ބެންޒެމާގެ ބަދަލުގައި ރޭ އެ މަގާމް ފުރީ ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި ރެއާލުން ލީޑު ނެގީ ރޮޑްރީގޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ލީގުގެ ފަސް މެޗުގައި ރޮޑްރީގޯ ޖެހި ތިން ވަނަ ލަނޑެވެ. ރެއާލްގެ ދެ ވަނަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވެޑޭ އެވެ. މިއީ ރަނގަޅު ފޯމެއްގައި ހުރި ވަލްވެޑޭ ޖެހިޖެހިގެން ލަނޑު ޖެހި ތިން ވަނަ މެޗެވެ. މި ސީޒަނުގައި ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ވަލްވެޑޭ އެވެ.
އެތުލެޓިކޯ އަށް މެޗުގައި އުއްމީދެއް ލިބުނީ 83 ވަނަ މިނެޓުގައި މާރިއޯ ހާމޯސޯ ޖެހި ލަނޑުންނެވެ. އެކަމަކު ގާތްގާތުގައި ނުރައްކާތެރި ދެ ފައުލް ކުރުމުން ހާމޯސޯ އަށް ވަނީ މެޗުގެ ފަހު މިނެޓުގައި ރަތް ކާޑު ދައްކާފަ އެވެ. ފުރަތަމަ ކާޑު ޑެނީ ކަވަހަލް އަށް ކުރި ފައުލަކަށް ދެއްކިއިރު ރަތް ކާޑު ދެއްކީ އޭގެ ދެ މިނެޓު ފަހުން ޑެނީ ސެބަޔޯސް އަށް ކުރި ފައުލަކަށެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ސީޒަނުގެ ކުރީކޮޅު ޓީމުގެ ފަރާތުން ފެންނަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެތުލެޓިކޯގެ ދަނޑުގައި މޮޅެއް ހޯދުނީ އޯގަނައިޒްކޮށް ކުޅުމުން ކަމަށެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އެޓީމަށް ފުރުސަތުތައް ތަނަވަސް ނުކުރެވުނު ކަމަށާއި މުޅި މެޗުގައި ރެއާލުން ރަނގަޅަށް ކުޅުނު ކަމަށެވެ.