ލަ ލީގާ

މެޑްރިޑް ޑާބީގައި އެއްވެސް ޓީމަކަށް މޮޅެއް ނުވެވުނު

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ރެއާލް މެޑްރިޑް އާއި އެތުލެޓިކޯ މެޑްރިޑް 1-1 އިން އެއްވަރުވެއްޖެ އެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދައްކައި، ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި އެވެ.

މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކަށްވީ ދެވަނަ ހާފުގައި ރެފްރީ މެޗުގެ ކުޅުން ހުއްޓާލު މެވެ. އޭރު ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ވަނީ އެތްލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެއްޗިހި އުކަމުންދާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

މި މައްސަލަ ހައްލުނުވުމުން، ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުންނާ ވާހަކަދައްކައި ކުޅުންތެރިން ދަނޑުން ބޭރުކޮށްފަ އެވެ.

އަލުން ކުޅުން ފެށުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިންނާއި ކޯޗް ޑިއެގޯ ސިމިއޯނީ ވަނީ ސަޕޯޓަރުންނާ ވާހަކަދައްކައި، އެމީހުން ހަމަޖެއްސުމަށް މަސައްކަތްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއާލް މެޑްރިޑްގެ އެޑާ މިލިޓާއޯ އެވެ. އެތްލެޓިކޯ މެޑްރިޑް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގައި އެންޖަލް ކޮރެއާ ޖެހި ލަނޑަކުންނެވެ. މެޗު ނިމުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑްގެ މާކޯސް ލޮރެންޓޭ އަށް ރަތް ކާޑެއް ދައްކައި ދަނޑުން ބޭރުވެސް ކުރި އެވެ.

މި ނަތީޖާއާއެކު މިހާތަނަށް ކުޅުނު 8 މެޗުން ރެއާލް މެޑްރިޑަށް 18 ޕޮއިންޓް ލިބި ދެވަނަ މަގާމުގައި ހިފަހައްޓާފައިވާއިރު އެތްލެޓިކޯ މެޑްރިޑަށް 16 ޕޮއިންޓާއެކު ތިންވަނަ މަގާމު ލިބިފައިވެ އެވެ. މިވަގުތު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް 8 މެޗުން 21 ޕޮއިންޓް ލިބިފައިވެ އެވެ.