ކުޅިވަރު

އެތުލެޓިކޯއާ އެއްވަރުވެ ލީގު ރޭހުގައި ރެއާލް ފަހަތަށް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވެ ލީގު ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑަށް އިތުރު ހުރަހަކާ ކުރިމަތިވެއްޖެ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލަށް މޮޅުވެވުނީ ތިން މެޗުންނެވެ. އެކަމަކު އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ.

ބާސެލޯނާ އެއްވަނައިގައި އޮތީ 22 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލަށް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. ލީގުގައި މިރޭ ކުޅޭ މެޗުން މޮޅުވެގެން ބާސެލޯނާ އަށް އެއްވަނައިގެ ލީޑު 10 ޕޮއިންޓަށް އިތުރުކުރެވޭނެ އެވެ.

މެޗުގައި އެތުލެޓިކޯގެ ލަނޑު އޮންޓުއަން ގްރީޒްމަންގެ އެހީގައި 78 ވަނަ މިނެޓުގައި ޖެހީ ހޯސޭ ހިމެނޭޒް އެވެ. ރެއާލް ބަލިވާން ދަނިކޮށް އެއްވަރުކުރި ގޯލު 85 ވަނަ މިނެޓުގައި ޖެހީ އަލްވާރޯ ރޮޑްރިގޭޒް އެވެ. މިއީ 18 އަހަރުގެ ރޮޑްރިގޭޒް ރެއާލަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

އެންޓޯނިއޯ ރުޑިގާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެތުލެޓިކޯގެ އެންހެލް ކޮރިއާ އަށް 64 ވަނަ މިނެޓުގައި ވަނީ ރަތް ކާޑު ދައްކާފަ އެވެ. 10 ކުޅުންތެރިންނާ އެކު ކުޅެ އެތުލެޓިކޯ އިން ވަނީ ރެއާލް ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެސްޕަންޔޯލް ވަނީ އަމިއްލަ ދަނޑުގައި 1-2 އިން މަޔޯކާ ބަލިކޮށްފަ އެވެ. ކާޑިޒް އިން އަމިއްލަ ދަނޑުގައި 0-1 އިން ރަޔޯ ވަޔެކާނޯ ބަލިކުރިއިރު ވެލެންސިއާ ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެފަ އެވެ.