ލަ ލީގާ

އެތުލެޓިކޯ ބަލި، ރެއާލް މޮޅުވެ ފަރަގު ކުޑަކޮށްފި

ލެވަންޓޭ އަތުން 2-0 ން އެތުލެޓިކޯ މެޑްރިޑް ބަލިވެ ލީޑްގައި ހިފެހެއްޓަށް ލިބުނު ފުރުސަތު ހަނިވެއްޖެ އެވެ.

އެތުލެޓިކޯ ބަލިވުމުން އޭގެ ފައިދާ ނަގަން ވާދަވެރި ރެއާލް މެޑްރިޑަށް ލިބުނު ފުރުރުސަތުގައި އެ ޓީމުން ވަނީ ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 1-0 ން މޮޅުވެ އެތުލެޓިކޯ އާ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ލެވަންޓޭއިން ވަނީ މެޗުގެ 30 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ޓީމުން ލީޑް ނެގި ލަނޑަކީ، އެތުލެޓިކޯގެ މާރިއޯ ހާމޯސޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލެވަންޓޭގެ ދެ ވަނަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ ޖޯޖް ޑީ ފުރުޓޮސް އެވެ.

ރެއަލްގެ ކުރީގެ ތަރި، ބުރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ޗެއާމަންޝިޕްގެ ދަށުގައި އޮންނަ ކުލަބު ވަޔަޑޮލިޑްގައި ކުޅުނު މެޗުގައި، ރެއާލްގެ ލަނޑު ކާމިޔާބު ކުރީ ކާލޯސް ކަސެމީރޯ އެވެ. އޭރިއާގެ ކަނާ ދިމާލުން ބޭރުން ލިބުނު ހިލޭ ޖެހުން ޓޯނީ ކްރޫޒް ނަގައި ދިނުމުން ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

މެޗުން ރެއާލް މޮޅު ކޮށްދިނުމުގައި ކީޕަރު ޓިބޯ ކޯޓްއާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ، 55 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް އަށް 52 ޕޮއިންޓެވެ. އެހެން ނަމަވެސް އެތުލެޓިކޯ އަތުގައި ބާކީ އެއް މެޗު އެބައޮތެވެ. ވާދަވެރި ބާސެލޯނާ ދެ މެޗު މަދުން ކުޅެ ތިން ވަނައިގައި އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެ ޓީމު ނުކުންނާނީ ކާޑިޒް އާ ދެކޮޅަށެވެ.