ކުޅިވަރު

އަނިޔާވެ ޕޯޗުގަލްގެ ނެޓޯ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އިނގިރޭސި ކްލަބް ވުލްވްސް އަށް ކުޅޭ ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ އަށް ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ނެޓޯ އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ވުލްވްސް އިން 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގައި އަނިޔާވުމުން 24 ވަނަ މިނެޓުގައި ނެޓޯ ވަނީ ބާލާފަ އެވެ.

ވުލްވްސް އިން ބުނީ ނެޓޯ އަށް ލިބުނު އަނިޔާ އިތުރަށް ބެލުމުން އެނގުނީ ލިގަމެންޓަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އިތުރު ސާޖަރީއެއް ކުރަންޖެހޭތީ ނެޓޯ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކްލަބުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ސީޒަނުގައި ވުލްވްސް އަށް ނުވަ މެޗު ކުޅެދީފައިވާއިރު ނެޓޯ އަކީ އެ ކްލަބުގެ އެޓޭކުގައި މުހިއްމު ކުޅުންތެރިއެކެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ނެޓޯ ތިން މެޗު ކުޅެދީފައިވާއިރު އެންމެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކާއި ސްޕެއިންއާ ދެކޮޅަށް ކުޅުނު ޓީމުގެ ސްކޮޑުގައި ނެޓޯ ހިމެނުނެވެ. އެކަމަކު އެ މެޗުތަކުގައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

ގަތަރުގައި ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ޑިސެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ނުކުންނާނީ ގާނާ، އުރުގުއޭ އަދި ސައުތު ކޮރެއާއާ ދެކޮޅަށެވެ.

ނެޓޯ އަށް އަނިޔާވިއިރު ވުލްވްސް އިން ވަނީ އެޓީމުގެ ކޯޗުކަމުން ބްރޫނޯ ލޭގް މިދިޔަ އާދީއްތަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ. މި ހަފްތާގައި ވުލްވްސް އިން ޗެލްސީއާ ދެކޮޅަށް ކުޅޭ ޕްރިމިއާ ލީގު މެޗުގައި އެޓީމަށް އިރުޝާދު ދޭނީ އެޓީމުގެ ޒުވާން ޓީމުތަކުގެ ދެ ކޯޗުން ކަމަށްވާ ސްޓީވް ޑޭވީސް އާއި ޖޭމްސް ކޮލިންސް އެވެ.

ވުލްވްސްގެ ދެ ފޯވާޑުން ކަމަށްވާ ރައުލް ހިމެނޭޒް އާއި ހުވާން ހީ-ޔަން ވެސް ހުރީ އަނިޔާގަ އެވެ. އަނެއްކޮޅުން މިފަހަރުގެ ޓްރާސްފާ ބާޒާރުގައި އެޓީމަށް ކުޅުނު ސަސާ ކަލަޖްޒިކް އަށް އަނިޔާވެ މި ސީޒަނުގައި ކުޅެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ވުލްވްސްގައި މިވަގުތު ތިބި ދެ ފޯވާޑުންނަކީ ހިލޭ ޓްރާންސްފާއެއްގައި އެޓީމަށް ގުޅުނު ޑިއޭގޯ ކޮސްޓާ އާއި 27.5 މިލިއަން ޕައުންޑަށް ވެލެންސިއާ އިން އެޓީމަށް ކުޅުނު ގޮންޒާލޯ ގުއެޑޭސް އެވެ. އެކަމަކު ވުލްވްސް އަށް ބަދަލުވެ ކުޅުނު ފުރަތަމަ 8 މެޗުގައި އޭނާ އަށް ގޯލެއް ޖެހިފައެއްނުވެ އެވެ.