އޭސީސީ

ފަންނީ އެހީތެރިކަން ހޯދަން މެލޭޝިއާގެ އޭސީސީ އާއި އެކު އެއްބަސްވުމަކަށް

Oct 8, 2022

ތަހުގީގުކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. މެލޭޝިއާ އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ޗީފް ކޮމިޝަނަރު ތާން ސްރީ ދާތޯ، ސްރީ އަޒަމް ބިން ބަކީ އެވެ.

މި އެއްބަސްވުމަގެ ދަށުން އޭސީސީން ކުރިއަށް ގެންދާ ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، މުވައްޒަފުން ތަމްރީނުކުރަން މެލޭޝިއާ އޭސީސީ އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މީގެއިތުރަށް ޕްރިވެންޝަންގެ މަސައްކަތްތައް އިތުރުކޮށް، އެކި ދާއިރާތަކުން މައުލޫމާތާއި، ތަމްރީނާއި، ތަޖުރިބާއާ އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްވެސް އެހީވާނެ އެވެ.

އޭސީސީގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ނުނިމި ހުރުމުން އެކޮމިޝަނަށް އަބަދުވެސް ފާޑުކިޔުން އޮވެ އެވެ. އެގޮތުން އޭސީސީގައި މިވަގުތު އޮތް އެންމެ ބޮޑު ދެ މައްސަަލަ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތާއި، މިސަރުކާރުގައި ހިންގި ވެންޓިލޭޓަރު ގަތުމުގެ ހިޔާނާތެވެ.