ދުނިޔެ

ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ ބްރިޖު ގޮއްވާލައިފި

ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ މައި މަގު، ކްރައިމިއާ ބްރިޖް ގޮއްވާލައިފި އެވެ. މި ހާދިސާގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.

ކްރައިމިއާ ބްރިޖް ނުވަތަ ރަޝިއާ މީހުން ކިޔާ ގޮތަށް ކިއަރުޗް ބްރިޖް އޮންނަނީ ގާތްގާތުގައި އޮންނަ ދެ މަގަށްވާ ގޮތަށެވެ. އެއް މަގު ހާއްސަކޮށްފައި ވަނީ ކާރާއި ބަސް ފަދަ އާންމުން ދަތުރުކުރާ އުޅަނދު ތަކަށެވެ. ދެވަނަ މަގަކީ ރޭލާއި ޓޭންކަރު ފަދަ މުދާ އުފުލާ ބަރު އުޅަނދުތަކަށް ހާއްސަ މަގެކެވެ.

ކްރައިމިއާ ބްރިޖު ގޮވުމުގެ ސަބަބުން ތަންގަޑެއް ވަނީ ކަނޑައިގެން ވެއްޓިފަ އެވެ. އަދި ޓްރެފިކް ތޮއްޖެހި ދަތުރުފަތުރަށް މުޅިހެން ވަނީ ބަންދުވެފަ އެވެ.

ކްރައިމިއާ ބްރިޖް ބިނާކުރީ 2014 ގައި ރަޝިއާއިން ކްރައިމިއާ އަތުލައިގަތް ފަހުންނެވެ. މި ބްރިޖުގެ ދިގުމިނަކީ 12 މޭލެވެ. މިއީ ޔޫރަޕުގައި އޮންނަ އެންމެ ދިގު ބްރިޖެވެ. ބްރިޖު ހުޅުވައިދެއްވީ 2018 ގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެވެ.

ރަޝިއާގެ ތަހުގީގީ ޓީމުތަކުން ބުނާ ގޮތުން ބްރިޖުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ތެޔޮ ހިފައިގެން ދަތުރުކުރި ހަތް ޓޭންކްގައި ރޯވީ އެވެ. އެއާ އެކު ތެޔޮ ބަންޑުންވެ މައުދަންގެ ބައިތަކުގައި ހުޅުހިފައި -- އަދި ބައެއް ބައިތައް ވިރިގެން ފޭބީ އެވެ.

އަލިފާން ނިވާ ހެލިކޮޕްޓަރުތަކުން ކުރި މަސައްކަތުން ހުޅުގަނޑު މިހާރު ވަނީ މައިތިރިކޮށް ނިއްވާލާފަ އެވެ. އެހެން ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ޓްރަކުން އަދިވެސް ބޯ ދުން އަރާ ކަމަށް ވެއެވެ.

ބްރިޖު ގޮވީ ޓްރަޖެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ވަނީ އެނގިފަ އެވެ.

ކްރައިމިއާ ބްރިޖު މަރާމާތުކޮށް އަލުން ދަތުރުތައް ފެށޭނެ ދުވަހެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ. އެހެން ނަމަވެސް، ކްރައިމިއާ އާއި ރަޝިއާ ކަނޑު މަގުން ގުޅުވައިދޭ ފެރީތައް މިހާރު ވަނީ ދަތުރުތައް އިތުރުކޮށްފަ އެވެ.

އިދާރާތަކުން ބުނާ ގޮތުން ކްރައިމިއާގައި އަދި ޔުކްރޭންގެ އެކި ސަރަހައްދު ތަކުގައި ތިބި ރަޝިއާ ސިފައިންނަށް ފޯރުކޮށްދޭ އެއްވެސް އެއްޗަކަށް ބުރޫއަރައި ލަހެއް ނުވާނެ އެވެ.

ރަޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނާ ގޮތުން އާދިއްދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކްރައިމިއާ، ރަޝިއާ ރޭލު ދަތުރުތައް ފެށޭވަރު ވާނެ އެވެ.

ކްރައިމިއާ ބްރިޖް ގޮއްވާލުމުގައި ޔުކްރޭންގެ އަތެއް އޮވެދާނެ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެ އެވެ. މި ހާދިސާއާ ގުޅިގެން ޔުކްރޭންގެ އޮފިޝަލުން ކޮށްފައި ހުރި ޓްވީޓްތަކުން މިކަމަށް ބާރުދޭ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ލަފާދެއްވުމުގައި އިސްކޮށް އުޅުއްވާ މިޚައިލޯ ޕޮޑޮޔަކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގާނޫނާ ގަވާއިދާ ޚިލާފަށް ފޭރިގެންފައި އޮތް ކޮންމެ ތަނެއް ޔުކްރޭނަށް ލިބެން ޖެހެ އެވެ.

ޔުކްރޭންގެ ޑިފެންސް މިނިސްޓްރީގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައި އޮތް ޓްވީޓަކުން ވެސް ޒާތެއްގެ މާނައެއް ދޭހަވެ އެވެ.

ޔުކްރޭނުން މި އަހަރު އޭޕްރީލްގައި ހަމަލާ ދިނުމުގެ ސަބަބުން ފެތިފައި އޮތް ރަޝިއާގެ ގައިޑެޑް މިސައިލް ބޯޓު މޮސްކްވާ އަށް ނިސްބަތްކޮށް ޓްވީޓްގައި ބުނެފައި ވަނީ ޔުކްރޭންގެ ކްރައިމިއާއަށް ބާރުގަދަކޮށްގެން އުޅެވުނީ މޮސްކްވާ އާއި ކްރައިމިއާ ބްރިޖްގެ ސަބަބުން ކަމަށެވެ.

ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ ރަޝިއާގެ ބާރުވެރިކަމުގެ އެ ދެ ރަމްޒުގެ ޒަމާން ހިނގައްޖެ ކަމަށެވެ.

ދެން ދުވަސް ދުއްވާލަން އެދެނީ ކޮން ތަނެއްތޯ ވެސް ސުވާލުކޮށްފައިވެ އެވެ.