ކުޅިވަރު

ލިވަޕޫލް ބަލިކޮށް އާސެނަލް އަލުން އެއްވަނަ އަށް

ވާދަވެރި މެޗެއްގައި މިރޭ އަމިއްލަ ދަނޑުގައި 2-3 އިން ލިވަޕޫލް ބަލިކޮށް އާސެނަލް އަލުން ޕްރިމިއާ ލީގުގެ އެއްވަނަ އަށް އަރައިފި އެވެ.

އާސެނަލް މުހިއްމު މޮޅު ހޯދުމުގެ ކުރިން ލީގުގެ އެއްވަނައިގައި އޮތީ ރޭ ސައުތެމްޓަން އަތުން މޮޅުވި މެންޗެސްޓާ ސިޓީ އެވެ.

މޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސިޓީ އަށް ނުވަ މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. މެޗުން ބަލިވި ލިވަޕޫލް މިހާރު އޮތީ 10 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ގެބްރިއަލް މާޓިނެލީގެ ގޯލުން އާސެނަލުން ވަނީ ލީޑު ނަގައިފަ އެވެ. މާޓިން އޮޑިގާޑްގެ އެހީތެރިކަމާ އެކު ކާމިޔާބުކުރި މި ލަނޑަށް ފަހު ވެސް އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިވަޕޫލް ޑާވިން ނޫނޭޒް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ލިވަޕޫލްގެ ލުއިސް ޑިއާޒް އަށް އަނިޔާވެގެން ބަދަލުގައި ރޮބާޓޯ ފިރްމީނޯ ވަނީ ކުޅެން އަރުވައިފަ އެވެ. އާސެނަލުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ފިރްމީނޯ ޖަހައިދިން ގޯލުންނެވެ. އާސެނަލުން މެޗުގައި ތިން ވަނަ ފަހަރަށް ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 76 ވަނަ މިނެޓުގައި ސަކާ އެވެ. މިއީ އާސެނަލްގެ ގެބްރިއަލް ޖީސުސް އަށް ލިވަޕޫލްގެ ތިއާގޯ އަލްކަންޓަރާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ވަރަށް އާދައިގެ ފައުލެއް ކަމަށް ބުނެ ލިވަޕޫލްގެ ކުޅުންތެރިންނާއި ކޯޗު ޔާގެން ކްލޮޕް ވަނީ ޕެނަލްޓީ ދިނުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ވީއޭއާރު ބެލުމަށް ފަހު ރެފްރީގެ ނިންމުން ބަދަލެއް ނުކުރި އެވެ.

މި ސީޒަން ދަށްކޮށް ފެށުމާ އެކު ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލް މިވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފަ އެވެ. މިއީ 13-2012 ވަނަ ސީޒަނުގެ ފަހުން ލިވަޕޫލް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރެވެ. އެ ސީޒަނުގައި ކުޅުނު ފުރަތަމަ 10 މެޗުން އެޓީމަށް ލިބުނީ 9 ޕޮއިންޓެވެ. އެފަހަރު ލިވަޕޫލް ސީޒަން ނިންމާލީ 7 ވަނައިގަ އެވެ.