ލައިފްސްޓައިލް

ހުކުރު ވަގުތު މިސްކިތް ގޮއްވާލަން އުޅުނު މީހާ އިސްލާމްވީ ގޮތް

އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ މަންސީ ސިޓީގައި ހުންނަ އިސްލާމިކް ސެންޓަރަށް ހުކުރު ނަމާދަށް ގޮސް ތިބި މީހުންނަށް ކުއްލިއަކަށް އާދަޔާޚިލާފު ގޮތަކަށް ހުރި މީހަކު މިސްކިތަށް ވަދެގެން އަންނާތީ ފެނުނެވެ. އެއީ ވަރަށް ބިޔަ ބޮޑު މީހެކެވެ.

އައިސްފައިވާ ގަދަ ރުޅިއަކުން އޭނާގެ މޫނު ހުރީ ރަތްވެފަ އެވެ. އިސްދަށަށް ޖަހައިގެން އެމީހާ ނަމާދަށް ހާޒިރުވެ ތިބި މީހުންނާ ދިމާލަށް ދާން ފެށުމުން މިއީ ރަނގަޅު ނިޔަތެއްގައި ވަދެގެން އުޅޭ މީހެއް ނޫންކަން އެންމެންނަށް ވެސް ވިސްނުނެވެ.

ހުކުރު ނަމާދު ވަގުތު ނުޖެހޭތީ އޭރު ވެސް މިސްކިތަށް މީހުން އަންނަމުން ދިޔައެވެ. ނަމަވެސް ދެ އަތުގައި ބޮޑު ދެ ޓެޓޫ ޖަހާފައިވާ މި މީހާއަކީ ހުކުރަށް އައި މީހެއް ނޫންކަން އެންމެންނަށް ވެސް ޔަގީން ވެއެވެ.

އޭނާގެ ނަމަކީ ރިޗަޑް "މެކް" މެކްކިނީ އެވެ. އޭނާ އިސްލާމީ މަރުކަޒަށް ވަނީ އަޅުކަން ކުރާކަށް ނޫނެވެ. އެތަނުގައި ތިބި އެންމެން މަރާލައި އެތަން ސުންނާފަތިކޮށްލާށެވެ.

އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި ބައިވެރިވި ހަނގުރާމަވެރިއެކެވެ. ހަނގުރާމައަށް ދިޔައިރު އޭނާއަށް ކިޔައިދީ ވިސްނައިދީފައިވާ ގޮތުން އޭނާ ހުރީ މުސްލިމުން ދެކެ ވަރަށް ރުޅިއައިސްފަ އެވެ. ހަނގުރާމައަށްފަހު އޭނާ އެނބުރި އަމިއްލަ ރަށަށް އައުމާއެކު އޭނާއަށް ފެނުނީ އޭނާގެ އަމިއްލަ ރަށުގައި މުސްލިމް ވަޒަންވެރިވެގެން އުޅޭ މަންޒަރެވެ. އޭނާގެ ކުޑަ ދަރިފުޅު ދާ ސްކޫލުގެ އެއް ކްލާހެއްގައި އެ ދަރިފުޅާ ޖެހިގެން ވެސް މުސްލިމް ކުދިން ތިބޭ ތަނެވެ.

އެހެންވެ އައި ރުޅިން މިސްކިތް ގޮއްވާލަން އޭނާ ގަސްތުކޮށް 2009 ވަނަ އަހަރުގެ ހުކުރު ދުވަހެއްގައި މިސްކިތަށް ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެއީ އޭނާގެ އެންމެ ފަހުގެ މިޝަންކަމަށް އެ ދުވަހު މެކް ގަބޫލު ކުރި އެވެ. އެ ދުވަހު އޭނާ އަޒުމު ކަނޑައަޅައިގެން ހުރީ ބޮމެއް ގޮއްވާލައި މިސްކިތުގައި ތިބި މީހުންނާއެކު މުޅީ މިސްކިތް ފުނޑުފުނޑުކޮށްލާށެވެ. އަދި މިސްކިތަށް ވަނީ ބޮން ބާއްވާނެ ރަނގަޅު ތަނެއް ހޯދުމުގެ ނިޔަތުގަ އެވެ.

"އަހަރެން އޭރު މީހުން ކައިރީ ބުނަން އިސްލާމަކީ ކެންސަރޭ. އަހަރެން މީ އެ ބަލި ކަނޑާ ނަގާ ފަސޭހަކޮށްދޭ ސާޖަން އެކޭ،" ސީއެންއެން ރިޕޯޓަކަށް ދިން އިންޓަވިއު އެއްގައި މެކް ބުންޏެވެ.

ނަމަވެސް އެ ދުވަހު މެކް އަށް މިސްކިތުން ދިމާވި ކަންތައްތަކަކީ މީހެއްގެ ޚިޔާލަށް ވެސް ނުގެނެވޭ ކަހަލަ ކަންތައް ތަކެކެވެ. އެ ދުވަހު ކަންތައްތައް ވެގެން ދިޔައީ ފިލްމެއްގެ މަންޒަރެއްގައި ފެންނަ ކަހަލަ ގޮތަކަށެވެ.

އިސްލާމުންނަށް އިންތިހާއަށް ނަފްރަތުކުރާ މީހެއްގެ ގޮތުގައި ހުރި މެކް އިސްލާމް ދީނާއި އިސްލާމުން ދެކެ އިންތިހާއަށް ލޯބިވާ މުސްލިމަކަށް ބަދަލުވީ ގޮތް ކިޔައިދީފައިވަނީ ކުރު ޑޮކިއުމެންޓްރީ "ސްޓްރޭންޖާ އެޓު ދަ ގޭޓް" ގައެވެ.

މިއަހަރު ބޭއްވި ޓްރައިބެކާ ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ފިލްމުގެ ޖޫރީ ޕްރައިޒް ހޯދާފައިވަނީ މި ފިލްމެވެ. ފިލްމުގައި ދައްކާފައިވަނީ މިސްކިތް ގޮއްވާލަން އެތަނަށް ވަން މެކް އެކަން ނުކޮށް ހުއްޓާލި ގޮތާއި އޭގެ ފަހުން އިސްލާމް ދީން ޚިޔާރު ކުރުމަށްފަހު މިސްކިތް ބެލެހެއްޓުމާއި ހިންގުމާ ހަވާލުވެގެން ކުރި މަސައްކަތް ތަކެވެ.

ވީޑީއޯގެ ޒަރިއްޔާއިން ސީއެންއެން އާ ވާހަކަދެއްކިއިރު މެކް ލައިގެން އިނީ "ސޭ ނޯ ހޭޓް ޓު ހޭޓް" (ނަފްރަތަށް ނަފްރަތެއް ނޫނޭ ބުނާށޭ) ޖަހާފައިވާ ނޫކުލައިގެ ޓީޝާޓެކެވެ. ކުރިން ތުނބުޅި ބާލާ އޮމާން ކޮށްފައި ހުންނަ މެކް އެ ދުވަހު ފެނުނީ ނުރަ ބޮޑު ތުނބުޅިއެއް ލާފައި ހުއްޓައެވެ.

މި އިންޓަވިއުގައި މެކް ވަނީ 25 އަހަރު އޭނާ އަސްކަރިއްޔާގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ކިޔައިދީ ވިސްނިފައިވާ ވާހަކަތައް ކިޔައިދީފަ އެވެ.

މެކް ބުނިގޮތުގައި އޭނާ ހީކުރީ ހުކުރު ދުވަހުގެ މެންދުރު ގަޑީގައި އޭނާ އިސްލާމީ މަރުކަޒަށް ވަންނަން ދިޔައިރު އޭނާ ވެސް އެ ދުވަހު މަރުވާނެ ކަމަށެވެ. މިސްކިތަށް ވަދެގެން އައި މެކް ހިފެހެއްޓީ ހުކުރަށް ގޮސް ތިބި މީހުންގެ ތެރެއިން ބައެކެވެ.

"ސްޓްރޭންޖާ އެޓު ދަ ގޭޓް"ގައި ދައްކާ ގޮތުން މެކް އަށް އެންމެ ފުން އަސަރެއް ކުރީ މުހައްމަދު އެސް ބުރުހާނީ ނަމަކަށް ކިޔާ އަފްޣާނިސްތާނަށް އުފަން މީހެއްގެ އަމަލުތައް ބެހެއްޓި ގޮތުންނެވެ.

އޭނާ ހީކޮށްގެން ހުރީ އެންމެންތައް އޭނާ ހިފައި ހައްޔަރުކޮށްގެން ބޭސްމެންޓަށް ގެންގޮސް ކަރަށް ކަނޑިން ހަމަލަދޭނެ ކަމަށެވެ. ނަމަވެސް ބުރުހާނުއްދީން ގޮސް މެކް ގައިގައި ބައްދައިގެންފައި ރޮއިގަތުމުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވިއެވެ.

"އެއީ އޭނާ ކީއްވެގެން ކުރިކަމެއް ކަމެއް މިއަދާ ހަމަޔަށް ވެސް އަހަންނަކަށް ނުވިސްނޭ،" މެކް ބުންޏެވެ.

އޭގެ ފަހުން ދެން ކަންތައްތައް ވީ ގޮތާއި މެކް ހިތުގައި މަޑުމަޑުން އިސްލާމް ދީނަށް ލޯބި ޖެހެމުން އައިސް އިސްލާމް ދީން ޚިޔާރު ކުރި ގޮތް މާބޮޑަށް ކިޔައިދީފިނަމަ ފިލްމު ބަލާހިތް ކެނޑިދާނެތީ އެބައި ދޫކޮށްލީ އެވެ. ނަމަވެސް މެކްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހެން މެދުވެރިވީ ބައެއް މީހުންނާއި ބައެއް ހާދިސާތައް ފާހަގަކޮށްލަން ޖެހެ އެވެ.

އެއް ކަމަކީ ހަނގުރާމައަށްފަހު އެނބުރި ވަޒަނަށް އައިއިރު ނަފްސާނީ ގޮތުން މެކް އަށް ކުރިމަތިވެފައިހުރި އުނދަގޫތަކެވެ. ހަނގުރާމައިގައި ބައިވެރިވާ އެއްވެސް ހަނގުރާމަވެރިއެއްގެ ޒަޚަމެއް ނެތިއެއް ނުދާނޭ ބުނެ އުޅެ އެވެ. އެ ގޮތުން މެކްގެ ހަށިގަނޑުގެ ބޭރުފުށުގައި ޒަޚަމެއް ނެތަސް އޭނާގެ ނަފްސު ވަނީ ޒަޚަމްތަކުން ފުރިފަ އެވެ.

ހަނގުރާމައަށް އޭނާ ތަމްރީނުކޮށްފައިވަނީ އިރާގު އަދި ތާލިބާން ސިފައިންނަކީ އިންސާނުންގެ ބަދަލުގައި ކަރުދާހުން ހަދާފައިވާ ޓާގެޓް ތަކެއްގެ ގޮތުގައި ވިސްނައިދީގެންނެވެ. އެހެންވެ މީހުން މެރުމުގައި އޭނާ ހުރީ ހައްދުފަހަނައަޅައި ގޮއްސަ އެވެ.

އެނބުރި ރަށަށް އައިސް މެކް މުޅިން ބާކީވީ އެވެ. ކުރިން އޭނާއާ އެކު އުޅުނު އެއްވެސް އެކުވެރިއަކު ނެތެވެ. ކުރާނެކަމެއްނެތި ހުންނަން ޖެހުމުން ބަނގުރަލާއި އަންހެނުންނާއެކު ވަގުތު ހޭދަކުރުމަކީ އޭނާ ކުރާ ހަމައެކަނި ކަންތަކަށް ވިއެވެ. ހަނގުރާމައިގެ ދުވަސްވަރުގެ ތަޖުރިބާތައް ހަނދާނުން ފޮހެލަން އޭނާ ޚިޔާރުކުރީ މިގޮތެވެ.

އެ ދުވަސްވަރު މުސްލިމަކު ލޮލަށް ފެނުނަސް އޭނާގެ މާޒީގެ ތަޖުރިބާތައް ހަނދާންވެ ލޭ ކެކިގަނެ އެވެ. އޭނާގެ އަމިއްލަ ރަށް މަންސީގައި މުސްލިމުން ދިރިއުޅޭތަން ފެނުމުން އޭނާގެ ރުޅިގަނޑު ހައްދުން ނައްޓަނީ އެއީ އެމީހުން އިރާގާއި އަފްޣާނިސްތާނުގައި ކުރި ހަނގުރާމަ އާއި ވީ ގުރުބާނީ އަށް ކުރާ މަލާމާތެއްގެ ގޮތުގައި ވިސްނޭތީ އެވެ.

"އަހަރެންގެ އެމެރިކާ އެހެން ބަޔަކާ ޝެއާ ކުރާކަށް ތައްޔާރެއް ނޫން. ޚާއްސަކޮށް އަހަރެންގެ ލޭގެ ގުރުބާނީގެ އަގު ނުލިބުނުކަން އަހަންނަށް ގަބޫލު ކުރެވުނު. މުސްލިމުންނަކީ އަހަރެންގެ ރަށުގައި އުޅެގެން ވާނެ ބައެއް ނޫނޭ އަހަރެން ހިތަށް އެރި،" މެކް ކިޔައިދިނެވެ.

ހަގީގަތުގައި އޭރު މެކްގެ ހިތާއި ނަފްސުން ކުރަމުން ދިޔަ ހަނގުރާމައަކީ ކޮންމެހެން މުސްލިމުންނާ ދެކޮޅު ހަނގުރާމައެއް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ އެކެވެ.

މެކްގެ ކުރީގެ އަންބެއް ކަމަށްވާ ޑާނާ ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އިރާގާއި އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި އޭނާ ކަންތައްތައް ކޮށްފައިވާ އަނިޔާވެރި ގޮތްތަކަކަށް ޚުދް އޭނާގެ ޒަމީރުވެސް އޭނާއަށް މައާފެއް ނުކުރެ އެވެ.

މިސްކިތުގައި ބޮން ގޮއްވަން އުޅުނު ފަހުން ކޮންމެވެސް ވަރަކަށް މެކް އަށް ބަދަލުތައް އަންނަން ފެށި އެވެ. އަދި އޭނާގެ ހިތުގައިވާ ނަފްރަތާއި ރުޅިވެރިކަން މައިތިރިވުމުގައި ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަން މެކް އަށް ލިބުނެވެ. އޭގެ ތެރެއިން އެކަކީ ޖޯމޯ ވިލިއަމްސް އެވެ. އޭނާއަކީ އިސްލާމިކް ސެންޓަރުގެ އެފްރިކަން-އެމެރިކަން މެމްބަރެކެވެ. އަދި ރުޅިއަކީ ކޮބައިކަމާއި ރުޅި ކޮންޓްރޯލްކުރާނެ ގޮތުގެ ތައުލީމާއި ތަޖުރިބާ އޭނާގެ ހުއްޓެވެ.

ޖޯމޯގެ ކާފަގެ ކާފައަކީ ދޮން ދަރިކޮޅުގެ ބަޔަކު ގަން ހިންގާ މަރާލި މީހެކެވެ. އެހެންވެ އޭނާ އެންމެ ކުރިން ދޮން މީހުން ދެކެ ވަރަށް ނަފްރަތު ކުރެ އެވެ. މި ނަފްރަތު ފިލައި ދިޔައީ އިސްލާމް ދީން ޚިޔާރުކުރި ފަހުންނެވެ.

ފިލްމުގައި ދައްކާ ގޮތުން މިސްކިތް ގޮއްވާލުމުގެ ނިޔަތުގައި ހުކުރު ދުވަހު މެކް އިސްދަށަށް ޖަހައިގެން ހުރެ މިސްކިތަށް ވަދެގެން އަންނަތަން އެންމެ ފުރަތަމަ ފެނުނީ ޖޯމޯ އަށެވެ. އަދި ކޮންމެވެސް ކަމެއް ގޯސްކަން ވަގުތުން ޖޯމޯއަށް ވިސްނުނެވެ.

ނަމަވެސް "ސްޓްރޭންޖާ އެޓް ދަ ގޭޓް"ގައި ބަތަލާއަކު އުޅޭނަމަ އެމީހަކީ މަންސީގެ މުސްލިމް މުޖުތަމައުގައި "މަދާ ތެރީސާ"ގެ ނަމުން މަޝްހޫރުވެފައިވާ ބީބީ ބަހްރާމީ އެވެ.

ބީބީ އާއި އޭނާގެ ފިރިމީހާ މުހައްމަދަކީ މަންސީ މުސްލިމް މުޖުތަމައުގެ މައި ދެ ތަނބެވެ. އެ ތަނުގައި ދިރިއުޅޭ މުސްލިމުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމުގައި އެ ދެމަފިރިން ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކުރަމުން ގެންދެ އެވެ.

ބީބީގެ އަމިއްލަ އަތުން ލިޔެ އިސްލާމީ މަރުކަޒުގެ ވެބްސައިޓްގައި ޤުރުއާނުގެ އާޔަތްތަކާއި މާނަ ލިޔެފައި ވެއެވެ. "ހެޔޮކަމެއްގެ ޖަޒާއަކީ ހެޔޮކަން ފިޔަވައި އެހެން އެއްޗެއް ނޫނެވެ.".

ބީބީ އަކީ އަފްޣާނިސްތާނު އަންހެނެކެވެ. ރަޝިޔާ ސިފައިން އޭނާގެ ގައުމަށް 1976ގައި އަރައި ހިސާރުކުރުމުން ބީބީ އޭނާގެ ގައުމުން ފޭބީ ލޮލުން ކަރުނަ ފައިބާ ހާލުގަ އެވެ. އަދި ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕްތަކުގައި ހަ އަހަރު އުޅުނެވެ. އަދި ފަހުން އެމެރިކާގެ ރައްޔިތުކަން ހޯދި އެވެ.

މަންސީއަށް ޒިޔާރަތްކުރާ ކޮންމެ ބީރައްޓެއްސަކަށް ވެސް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތް ދިއްކޮށްލަނީ ބީބީ އެވެ. އެ މީހަކަށް ކައްކާފައި ކާންދީ އަންނައުނު ދޮވެދީ ހެދުމަކީ ބީބީގެ އާދައެކެވެ. އެހެން ގައުމުތަކުގެ ރެފިއުޖީންގެ މެދުގައި ވެސް ބީބީގެ މަޝްހޫރުކަން ހުރިވަރުން ގިނަ ބަޔަކު އަބަދުވެސް އޭނާގެ އެހީތެރިކަމަށް އެދި ގުޅަމުންދެ އެވެ.

އެމެރިކާއަށްދާ މީހުންނަކީ ބީރައްޓެހިންގެ ގޮތުގައި އެމީހުން ބާކީ ކޮށްލުމުގެ ސަގާފަތެއް އޮންނަ ގައުމަކަށްވީއިރު ބީބީގެ މެހެމާންދާރީ އަކީ އެ ގައުމުގެ މީހުންނަށް މުޅިން އާ އެއްޗެކެވެ. 9/11ގެ ހާދިސާއަށް ފަހު އެ ގައުމުގެ މީހުން މުސްލިމުންނަށް ނަފްރަތުކުރާ މިންވަރު 500 ގުނަ އިތުރުވެފައި ވެއެވެ.

މިސްކިތުގައި ބޮން ހަރުކުރަން ދިޔަ ދުވަހު އެ ތަނުގައި ތިބި މީހުން އޭނާއާ ދޭތެރޭ ކަންތައްކުރި ގޮތުން މެކްގެ ހިތަށް ފުން އަސަރުތަކެއް ކުރި އެވެ. އަދި އޭނާ ވަރަށް ގިނައިން އެތަނަށް ދާން ފެށި އެވެ. އަދި މިކަމާ ބިރުން އެ މިސްކިތަށް ނަމާދަށް ދާ ގިނަ ބަޔަކު ނަމާދަށް ދިއުން ހުއްޓާލި އެވެ.

މެކްގެ ހަޔާތުގެ މި ނާޒުކު ދަނޑިވަޅުގައި އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ބީބީ އެވެ. މެކް އަށް ދައުވަތު ދީގެން ބީބީ އޭނާގެ ގެޔަށް މެކް ގެންދިޔަ އެވެ. އަމިއްލައަށް ކައްކާފައި އަފްޣާނިސްތާނުގެ މީރު ކާނާ ކާން ދިނެވެ. މަޑުމަޑުން ބީބީގެ މުޖުތަމައުގެ މީހުން މެކް ބަލައިގަންނަން ފެށި އެވެ. އަދި އިސްލާމީ މަރުކަޒާއި ބީބީގެ ގެޔަށް ވަރަށް ގިނައިން އަންނަ މީހަކަށް މެކް ވިއެވެ. އަދި ގުރުއާން ކިޔަވައި އިސްލާމީ ފޮތްތައް މެކް ކިޔަން ފެށި އެވެ. މުސްލިމުންގެ އެ ޖަމާއަތާއި މެކް އާ ގާތް އެކުވެރިކަމެއް އުފެދުނެވެ.

އަފްޣާނިސްތާނު ހަނގުރާމައިގައި އޭނާ ކަންތައް ކުރި ގޮތް މެކް އޭނާގެ މުސްލިމް އެކުވެރިންނަށް ކިޔައިދިނެވެ. އަދި އެއީ ޣާފިލުކަމުގައި މެކް ހުރިއިރު ކުރެވުނު ކަމަކަށް ވާތީ އެމީހުން އެކަން ގަބޫލު ކުރި އެވެ.

މިސްކިތް ގޮއްވާލަން އެތަނަށް މެކް ވަންތާ އަށް މަސް ދުވަސް ފަހުން މެކް އިސްލާމް ވިއެވެ. އޭނާ އިސްލާމް ވުމުން އެތަނުގައި ތިބި ހުރިހާ އަޚުން އައިސް އޭނާގެ ގައިގައި ބައްދާ ސަލާންކުރި އެވެ.

އޭނާ އެ ބަޔަކަށް ގެއްލުން ދިނުމުގެ މަގްސަދުގައި ދިޔަ ތަނުގައި ތިބި މީހުންގެ އެންމެ އިސް މީހެއްގެ ގޮތުގައި އިސްލާމީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ވެސް މެކް ދެ އަހަރު ޚިދުމަތް ކޮށްދީފައި ވެއެވެ.

މިހާރު މެކްގެ މަސައްކަތަކީ އެހެން މީހުންނަށް އޭނާގެ ތަޖުރިބާތައް ހިއްސާކުރުމުގެ މަސައްކަތެވެ. ކުރިން ބަސް މަދު މީހަކަށް ވިޔަސް މިއަދު މެކް އަކީ ދޫހެލޭ މީހެކެވެ. އިސްލާމް ދީނުގެ ވާހަކަތައް އޭނާ މީހުންނަށް ކިޔައިދެނީ ފަރިތަކަމާ އެކުގަ އެވެ.

މެކް ބުނި ގޮތުގައި މިސްކިތް ގޮއްވާލުމުގެ މަގުސަދުގައި އޭނާ މިސްކިތަށް ވަން ދުވަހު އޭނާއާ މެދު އަނިޔާވެރިކޮށް އެމީހުން ކަންތައް ކުރިނަމަ އެ ދުވަހު އެތަނުގައި ލޭގެ ކޯރުތައް ދެމިގެން ދިޔައިހެވެ. އަދި ޚުދު އޭނާއަށް ވެސް ސަލާމަތުން އެތަނުން އެ ދުވަހު ނުކުމެވިދާނެކަމާ މެދު މެކް އަށް ޝައްކެވެ. އެންމެން އެ ދުވަހު ސަލާމަތްވީ އެމީހުން ދެއްކި ރަނގަޅުކަމުން ކަމަށް މެކް ގަބޫލު ކުރެ އެވެ.

މެކް ބުނި ގޮތުގައި މިސްކިތް ގޮއްވާލުމުގައި އެ ދުވަހު އޭނާއަށް ކާމިޔާބުވީ ނަމަވެސް އޭނާއަށް މަރުގެ ހުކުމެއް އަންނާނެ އެވެ. ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭނާއަށް އެ ދުވަހު މިސްކިތުގައި ތިބި މީހުން ދެއްކި އޯގާތެރިކަމާއި ހެޔޮކަމުގެ ބަދަލު ދެވޭތޯ މެކް މިއަދު ގަދައަޅާ މަސައްކަތް ކުރެ އެވެ. ސޯޝަލް ވޯކްގެ ރޮގުން ބެޗްލާޒް ޑިގްރީ ހާސިލުކޮށް މިހާރު އޭނާ ހުރިހާ ވަގުތެއް ހޭދަކުރަނީ އެހެން މީހުންގެ ޚިދުމަތުގަ އެވެ. އެމީހުންނަށް ހެޔޮ ނަސޭހަތް ދިނުމުގަ އެވެ.

"މިހާރު އަހަރެންގެ ނަފްސަށް ވަނީ އާދަޔާޚިލާފު ހަމަޖެހުމެއް ލިބިފައި،" މެކް ބުންޏެވެ.

އިސްލާމް ދީން ޚިޔާރުކުރުމަށްފަހު އަމިއްލަ ނަފްސަށް މައާފް ކުރެވިއްޖެތޯ ނޫސްވެރިޔަކު މެކް އާ ސުވާލު ކުރި އެވެ. އެ ސުވާލަށް ވިސްނާލަން އޭނާ ކުޑަ ވަގުތުކޮޅަކު އިނެވެ.

"އެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް،" އަދި ޖަވާބު ދިނެވެ.