ދުނިޔެ

ޔޫއޭއީގެ ރައީސް ޕޫޓިންއާ ބައްދަލުކުރެއްވުމަށް ރަޝިއާއަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ރަޝިއާއަށް ވަޑައިގަންނަވަނީ އެވެ. އެމިރޭޓްސް ނިއުސް އޭޖެންސީ ބުނާ ގޮތުން ޒައިދު ރަޝިއާއަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ.

ޔޫއޭއީގެ ރައީސްގެ މި ދަތުރާ ބެހޭ މާބޮޑު ތަފުސީލެއް އަދި ނޫސްތަކަކަށް ނުލިބެ އެވެ. ޚަބަރުތައް ބުނާ ގޮތުން ދެ ލީޑަރުން ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގުތިސޯދީ އަދި ދިފާއީ އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިން އާގޮފިތައް ފަޅައި ބިރުބޮޑުވެފައި އޮތް މި ދުވަސްވަރު ޔޫއޭއީ ކަހަލަ ތެލުގެ މުއްސަނދިކަން ލިބިފައި އޮތް ގައުމެއްގެ ރައީސަކު ޕޫޓިން އަށް ގޮވާލައްވައި ހާލުބައްލަވާލަން ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންކަމުން ބިން ޒައިދުގެ ދަތުރުގައި ވިޔަފާރި އާއި ސަލާމަތާ ބެހޭ މަޝްވަރާތަކަށް ވުރެ މައުލޫއު ފުޅާވާނެކަން ކަށަވާރާ ގާތެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަށް ސައޫދީ އިސްވެ ކުރާ މަސައްކަތްތަކުގެ ތެރެއަށް ޔޫއޭއީ ވަނުމަކީ ވެސް ގާތް ކަމެކެެވެ. އަރަބި ދުނިޔެއިން އިސްނަގައިގެން ދުނިޔެއަށް ސުލްގަ ގެނައުމަށް ފުރުސަތު ދެއްވުމަކީ ޕޫޓިންގެ އޮތް ވިސްނުމަކަށް ވެސް ވެދާނެ އެވެ.

ސައޫދީ އާއި ޔޫއޭއީގެ ނުފޫޒު އޮންނަ އޯޕެކް ޕްލަސްއިން މިދާކަށް ދުވަހު ސައްލާކޮށް ފާސްކުރި ގަރާރަކީ ރަޝިއާއަށް ފައިދާވާ ގޮތަށް އޮތް އެއްބަސްވުމެވެ،

އޯޕެކް ޕްލަސްގެ މެމްބަރު ގައުމުތަކުން އެކައްޗެއް ކިޔައި ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުން ދެމިލިއަން ފީފާ އުނިކުރަން ނިންމުމަކީ ރަޝިއާ އުފަލުން ހޭނެ ކަމެކެވެ.

މިކަމުގައި އޮތް ސިއްރަކީ ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން ރަޝިއާގެ ހަކަތަ ގަތުން އަމިއްލައަށް މަނާވެގެން ތިބި ހުޅަނގުގެ ގައުމުތަކަށް އޯޕެކް ޕަސްލަސްގެ ނިންމުމުން ޕްރެޝަރުވާނެތީ އެވެ.

ޔޫރަޕަށް ފިނި މޫސުން ބޯމަތިވަމުން އަންނައިރު ޔޫރަޕްގެ ގައުމުތަކުގެ ރިޒާވްގައި ހުރި ހަކަތައިގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި ހަކަތަ ޖަމާކުރަން އޯޕެކް ޕްލަސްއަށް ކުރި އިތުބާރު މިހާރު އެވަނީ ބޮލާލާ ޖަހާފަ އެވެ.

އޯޕެކް ޕްލަސްގެ މި ނިންމުމުން ދޭހަވަނީ އެ ގައުމުތަކުގެ ތިލަފަތުގައި ހުޅަނގަށް ވުރެ ރަޝިއާގެ ބުރަދަން ބޮޑުކަމެވެ. އަދި ރަޝިއާއަށް އިތުބާރާއި އިހުތިރާމް އޮތް ކަމެވެ.