ޔުކްރޭނަށް އިންސާނީ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުގެ ރައީސް ސައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަންގަވައިފި އެވެ.
ދައުލަތުގެ މީޑިއާ, އެމިރޭޓްސް ނިއުސް އޭޖެންސީން ބުނި ގޮތުގައި އެ ގައުމުން ފޯރުކޮށްދޭ އެހީ އަކީ ޔުކްރޭންގައި ހާލުގައި ޖެހިފައި ތިބި އާންމުންނަށް ވެދޭ އެހީ އެކެވެ.
ޔޫއޭއީ މިނިސްޓަ ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން ރީމް ބިންތު އިބްރާހީމް ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެހީތެރިވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމާއި އިންސާނީ ވަސީލަތްތަކަށް ބޭނުންޖެހިފައި ތިބި އާންމުންނަށް އެހީތެރިވުމެވެ.
އޭނާ އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޔޫއޭއީ އިން ޔުކްރޭނަށް އެހީތެރިވާނެ ކަމަށާއި ދުނިޔޭގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަކީ ސަރުކާރުގެ އެޖެންޑާގައި އޮތް ކަމެއް ކަމަށެވެ.
ޔޫއޭއިން މީގެ ކުރިން ވެސް ވަނީ ޔުކްރޭންގެ އާންމުންނަށް -- ޕޮލޭންޑާއި މޮލްޑޯވާގައި ތިބި ޔުކްރޭންގެ ރެފިއުޖީންނަށް، އެހީ ފޮނުވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އެހީ އަކީ ޝައިޚް މުހައްމަދާއި ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ފޯނުން މަޝްވަރާ ކުރަައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޔޫއޭއިން ހަމަޖެއްސި އެހީ އެކެވެ.
ދެ ލީޑަރުން ދެއްކެވި ވާހަކަތަކުގައި ޔުކްރޭން ހަނގުރާމަ ނިންމުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ޔޫއޭއީ މެދުވެރިއެއްގެ ރޯލު ކުޅެދެއްވާނެ ކަމަށް ވެސް ޝައިޚް މުހައްމަދު ޒެލެންސްކީ އަށް ދެންނެވި އެވެ.
ސައިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން މީގެ ދުވަސްކޮޅެއް ކުރިން ރަޝިއާއަށް ވަޑައިގެން ރައީސް ލަޑިމިއާ ޕޫޓިންއާ ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ޔުކްރޭން ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރެއްވުމަށާއި ހަނގުރާމަ ދިގުލައިގެން ދިއުމަކީ ދުނިޔެއަށް ނުރައްކަލަކަށް ވެދާނެ ކަމަށް ޕޫޓިންއަށް ވަނީ ދަންނަވާފަ އެވެ.
ޝައިޚް މުހައްމަދު ގުޅުއްވައި ދެއްކެވި ވާހަކަތައް ޝުކުރު އަދާކުރައްވައި އުފާކުރައްވާ ކަމަށް ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ޒެލެންސްކީ ވިދާޅުވި އެވެ.