އަންހެނެއްގެ ބަނޑުތެރޭގައި އޮތް 11 ސެންޓިމީޓަރުގެ ކަތުރެއް ސާޖަރީ ހަދައިގެން ނަގައިފި އެވެ.
އިންޑިޔާގެ ކެރެލާގެ ކޮޒިކޮޑޭގެ މި އަންހެން މީހާގެ ބަނޑުން ކަތުރު ނެގިއިރު އެމީހާގެ ބަނޑުގައި ކަތުރު އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ހަރްޝީނާ އަޝްރަފް ނަމަކަށް ކިޔާ މި އަންހެން މީހާގެ ބަނޑަށް ކަތުރު ދޫވެފައިވަނީ މީގެ ފަސް އަހަރު ކުރިން ސިޒޭރިއަނެއް ހެދިއިރު އެވެ.
ކޮޒިކޮޑޭ މެޑިކަލް ކޮލެޖަށް 2017ގައި ހަރްޝީނާ ދިޔައީ ތިންވަނަ ދަރިފުޅު ވިހާށެވެ. ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން ކުއްޖާ ނެގީ އޮޕަރޭޝަން ކޮށްގެންނެވެ.
ސިޒޭރިއަނަށް ފަހު ވެސް ހަރްޝީނާގެ ހާލަތު ރަނގަޅެއް ނުވެ އެވެ. ބަނޑުގައި ވަރަށް ގަދަޔަށް ރިއްސުމާއި ގައިގައި ވަރު ނެތުން ފަދަ ކަންތައްތައް އޭނާއަށް ދިމާވަމުން ދިޔަ އެވެ. އަދި ފާއިތުވީ ފަސް އަހަރު އޭނާ އުޅެފައިވަނީ އަބަދުވެސް ބަނޑުގައި ރިހޭތީ އެވެ.
އެންމެ ފަހުން އޭނާގެ ބަނޑުގައި ކަތުރު އޮތްކަން އެނގުނީ ޕްރައިވެޓް ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް ދެއްކުމުން ހެއްދި ސްކޭން ތަކުންނެވެ.
"އަހަރެން ސިޒޭރިއަން ހެދީ ނޮވެމްބަރު 2017ގައި. އޭގެ ފަހުން އަބަދުވެސް އުޅެން ޖެހުނީ ބަނޑުގައި ރިއްސާތީ. ވަރަށް ގިނައިން އެކި ޑޮކްޓަރުންނަށް ދެއްކިން. އެކަމަކު ވެގެން އުޅޭ ގޮތެއް އެކަކަށް ބުނެދޭކަށް ނޭނގުނު. ދެން އެއް ދުވަހު ބަނޑުގައި ރިހެން ފެށި ގޮތަށް ކެތް ނުވާ ވަރު ވެގެން ޕްރައިވެޓް ހޮސްޕިޓަލަށް ދިއުމުން ހެދި ސީޓީ ސްކޭނުން ކަތުރު އިން ކަން އެނގުނީ. އެ ދުވަހު ސްކޭން ހަދާފަ ޑޮކްޓަރު ބުނި މެޓަލް އެއްޗެއް ބަނޑުތެރޭގައި އެބަ އިނޭ. ފަހުން ޑޮކްޓަރު ބުނި ކަތުރެކޭ އެއީ،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ހަރްޝީނާ ބުންޏެވެ.
ހަރްޝީނާގެ ބަނޑުން ކަތުރު ނެގީ އޭނާގެ ސިޒޭރިއަން ހެދިއިރު ބަނޑަށް ކަތުރު ދޫވި ހޮސްޕިޓަލުގަ އެވެ.
ހަރްޝީނާ ވަނީ މިކަމުގެ ޝަކުވާ އެ ގައުމުގެ ހެލްތު މިނިސްޓަރަށާއި ޗީފް މިނިސްޓަރަށް ވެސް ހުށަހަޅާފަ އެވެ.
ހޮސްޕިޓަލުގެ އިހުމާލުން އޭނައަށް ފާއިތުވީ ފަސް އަހަރު ތަހައްމަލުކުރަން ޖެހުނު ވޭނާއި ބޭހަށް ޚަރަދުވީ ފައިސާގެ ބަދަލު ހޯދަން ހަރްޝީނާ ބޭނުންވެ އެވެ.
މި މައްސަލަ ތަހުގީގުކޮށް ރިޕޯޓެއް ހުށަހަޅަން ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް މިހާރު ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގާފަ އެވެ. އަދި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެކަމަށް ހެލްތު މިނިސްޓަރު ވަނީ ވައުދުވެފަ އެވެ.