އެމެރިކާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އިންޑިއާ ޑޮކްޓަރަކު މުޅި އުމުރު ދުވަހު އެއްކުރި 20 ކްރޯޑަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އޭނާ އެމްބީބީއެސް ހެދި މެޑިކަލް ކޮލެޖަށް ހަދިޔާކޮށްފި އެވެ.
އަންދްރަ ޕްރަދޭޝްގެ ގަންޓަރް ޑިސްޓްރިކްޓްގައި ދިރިއުޅުނު މި ޑޮކްޓަރު ފައިސާ ހަދިޔާކޮށްފައިވަނީ ގަންޓަރް ގަވަރުމަންޓް ޖެނެރަލް ހޮސްޕިޓަލް (ޖީޖީއެޗް) އަށެވެ.
ގަންޓަރް މެޑިކަލް ކޮލެޖުން ޑރ. އުމާ ދޭވީ ގަވީނީ އެމްބީބީއެސް ހާސިލުކޮށްފައިވަނީ 1965 ވަނަ އަހަރު އެވެ. ފަހުން އެއަށް ވުރެ މައްޗަށް ކިޔަވައި އެމެރިކާއަށް ހިޖުރަކޮށް އެ ގައުމުގައި 40 އަށް ވުރެ ގިނަ އަހަރު ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ. އިމިއުނޮލޮޖިސްޓް އަދި އެލާޖީ ސްޕެޝަލިސްޓެއްގެ ގޮތުގައި ޑރ. އުމާ އަދިވެސް އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ.
ގަންޓަރް މެޑިކަލް ކޮލެޖަށް 20 ކްރޯޑު ރުޕީސް ހަދިޔާކުރަން ނިންމެވިކަން ޑރ. އުމާ އިއުލާން ކުރެއްވީ އެ ކޮލެޖުގެ ކުރީގެ ދަރިވަރުންގެ އެސޯސިއޭޝަންގެ ޚާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެސޯސިއޭޝަންގެ ރައީސާ ކަން ވެސް 2008 ގައި ޑރ. އުމާ ކުރައްވާފައި ވެއެވެ.
ޑރ. އުމާ މި ފައިސާ ހަދިޔާކުރެއްވީ އެ މެޑިކަލް ކޮލެޖުން އަލަށް އިމާރާތްކުރާ މަދާ އެންޑް ޗައިލްޑް ހޮސްޕިޓަލެއް އެޅުމަށެވެ.
ޑރ. އުމާ ހަދިޔާކުރި ފައިސާއިން މި ހޮސްޕިޓަލު އިމާރާތްކުރާތީ އެ ހޮސްޕިޓަލަށް ޑރ. އުމާގެ ނަމުން ނަން ދިނުމަށް ކުރީގެ ދަރިވަރުންގެ ޖަމިއްޔާއިން ހުށަހެޅިނަމަވެސް ޑރ. އުމާ ވަނީ އެކަން ގަބޫލު ނުކުރައްވާފަ އެވެ.
ޑރ. އުމާ ބޭނުންފުޅުވީ މީގެ ތިން އަހަރު ކުރިން މަރުވެފައިވާ އޭނާގެ ފިރިކަލުން ޑރ. ކަނޫރީ ރާމަޗަންދުރަން ރާއޯގެ ނަމުން ހޮސްޕިޓަލަށް ނަން ދިނުމަށެވެ. އެ ދެމަފިރިންނަށް ދުވަހަކުވެސް ދަރިއަކު ލިބިފައެއް ނެތެވެ. އެހެންވެ ފިރިކަލުން މަރުވުމަށްފަހު ޑރ. އުމާ ދިރިއުޅުއްވަނީ އެކަނި މާއެކަންޏެވެ.
ޑރ. އުމާ އަކީ ބަލި މީހުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު ނަމޫނާ ޑޮކްޓަރެކެވެ. އަދި ބަލިމީހުންގެ ލޯތްބާއި އިހުތިރާމް އިންތިހާއަށް ލިބިފައިވާ ޑޮކްޓަރެކެވެ. ޑޮކްޓަރެއްގެ އިތުރުން އޭނާއަކީ އަބަދުވެސް މީހުންނަށާއި ޖަމްއިއްޔާތަކަށް ފައިސާގެ ޑޮނޭޓްކުރާ ވަރަށް ދީލަތި (ފިލަންތުރޮޕިސްޓް) މީހެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވެ އެވެ.
ފިލަންތުރޮޕިސްޓުންގެ ތެރެއިން ވެސް ޑރ. އުމާ އެންމެ ފާހަގަ ކޮށްލެވޭ އެކަކަށް ވަނީ މުޅި އުމުރު އެއްކޮށްފައި ހުރި ހުރިހާ ފައިސާ އޭނާ ނޫން އެހެން މީހަކު ހަދިޔާ ކޮށްފައި ނުވާތީ އެވެ. ގިނަ މީހުން ހަދިޔާކުރަނީ އެމީހެއްގެ މުދަލުގެ ބައެކެވެ. ނުވަތަ ދެ ބައިކުޅަ އެއްބައެވެ.