ކުޅިވަރު

ޑިއާޒް އަށް އަނިޔާވެ ލިވަޕޫލަށް ހާސްކަން

ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ހުނަރުވެރި ކުޅުންތެރިޔާ ލުއިސް ޑިއާޒް އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހި ލިވަޕޫލަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޑިއާޒްގެ ކަކުލަށް އަނިޔާވީ މިދިޔަ އާދީއްތަ ދުވަހު އާސެނަލް އަތުން އެޓީމު 2-3 އިން ބަލިވި މެޗުގަ އެވެ. ކަކުލަށް އަނިޔާވެ ކުޅުން ކުރިއަށް ނުގެންދެވުމުން ފުރަތަމަ ހާފުގެ ފަހުކޮޅު ޑިއާޒް ވަނީ ބަދަލުކޮށްފަ އެވެ. ޑިއާޒްގެ އަނިޔާއާ ގުޅިގެން ހޯމަ ދުވަހު ހެދި ސްކޭންތަކުން އެނގުނީ ގާތްގަނޑަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް ޑިއާޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމެވެ. އެކަމަކު އަނިޔާއާ ގުޅިގެން ޑިއާޒް ސާޖަރީ ހަދަން ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވޯލްޑް ކަޕް އަންނަ މަހުގެ 20 ވަނަ ދުވަހު ފަށާއިރު އިނގިރޭސި ފުޓްބޯޅައިގެ ކުޅުން ވޯލްޑް ކަޕަށް މެދުކަނޑާލާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެކުރިން ލިވަޕޫލުން ކުޅޭ 10 މެޗު ޑިއާޒް އަށް ގެއްލޭނެ އެވެ. ވޯލްޑް ކަޕަށް ފަހު ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

ކޮލަމްބިއާ ވޯލްޑް ކަޕަށް ކޮލިފައިނުވާތީ އުމުރުން 25 އަހަރުގެ ވިންގް މިފަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ އެވެ.

ޕޯޗުގަލްގެ ޕޯޓޯ އިން މިދިޔަ ޖެނުއަރީ މަހު ލިވަޕޫލަށް ބަދަލުވެ ޑިއާޒް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު މި ސީޒަނުގައި ލިވަޕޫލްގެ ފޯމު ދަށްވިއިރު ޑިއާޒްގެ މޮޅު ކުޅުންވެސް އަދި ތަކުރާރެއް ނުކުރެވެ އެވެ. އޭނާ އަށް އަނިޔާވިއިރު އާސެނަލް މެޗުގައި ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ އާނޯލްޑަށް ވެސް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. ދެ ކުޅުންތެރިންނަށް އަނިޔާވުމަކީ މުހިއްމު މެޗުތަކެއްގެ ކުރިން ލިވަޕޫލަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް މިވަގުތު އޮތީ 10 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕްގައި ނަޕޯލީގެ ފަހަތުން އެޓީމު އޮތީ ދެ ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން މި ހަފްތާ ރޭންޖާސްއާ ދެކޮޅަށް ނުކުންނައިރު ލީގުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.