މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް [ބީސީސީ] ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާއިން ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީސީސީ އިން ބުނި ގޮތުގައި މި އަހަރު ތެރޭ ހުޅުވަން ހަމަޖެހިފައިވާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާގައި ހުންނާނީ ކާބޯތަކެތީގެ ވިޔަަފާރިތަކަށް ހާއްސަ ކިއޮސްކް (ގޮޅިތަކެއް) ކަމަށެވެ. މިއީ ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ހަދަމުންދާ ހަބެކެެވެ.
ބީސީސީއިން ހުޅުވަން ތައްޔާރުވަމުންދާ "އެސްއެމްއީ ހަބް" ހުންނާނީ ޗާންދަނީ މަގުގައި ހުންނަ އެސްޓީއޯގެ އެލައިޑް ބިލްޑިންގުގަ އެވެ. މި އިމާރާތުގައި "އެސްއެމްއީ ހަބް"ގެ ތިން ފަންގިފިލާއެއް ހުރެ އެވެ. އެއީ އެންމެ ތިރި، ފުރަތަމަ އަދި ދެވަނަ ފަންގިފިލާ އެވެ.
އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ ކެފޭ ހިންގާ ފަރާތްތަކަށް ދޫކުރާ ތަންތަނާއި މާ އަދި ގަސް ވިއްކާ ފަރާތްތަކަށް ދޫކުރާ ތަންތަނުގެ އިތުރުން ހުނަރު ދައްކާލުމަށް ހަދާފައިވާ "ޕާފޯމަންސް އޭރިއާ"އެކެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ފުރަތަމަ ހުޅުވަން ހަމަޖައްސާފައިވަނީ ފުރަތަމަ ދެ ފަންގިފިލާ އެވެ. ފަހުން ތިންވަނަ ފަންގިފިލާ ހުޅުވާލާނެ ކަމަށްވެސް ބުންޏެވެ.
ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީން "އެސްއެމްއީ ހަބް" ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ވިޔަފާރި ފުޅާކުރުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން މީހުންނަށް އެނގޭ ބަޔަކަށް އެ ވިޔަފާރިތައް ހަދައިދިނުމެވެ.
ފުރަތަމަ ފަންގިފިލާގެ ގޮޅިތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 އަދި 17 ވަނަ ދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށް އެ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ތައްޔާރުކޮށްފައިވާ ގޮޅިތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އަދި މިތަންތަން ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.