ވިޔަފާރި އަށް ނުކުންނަ ޒުވާނުންނަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭގެ ކުލިތައް ބޮޑުވުމެވެ. މަސައްކަތް ކުރާނެ މާހައުލެއް ނެތުމެވެ. އޮފީހެއް ހޯދާނަމަ ދައްކަން ޖެހޭ ކުލި ބޮޑުވުމެވެ. އެހެންވެ، މި ބޮޑު ބުރާ ހެދި ވިޔަފާރިއަށް ނުކުންނަން ތިބި ފަރާތްތަކަށް ގޮތެއް ހޯދައިދޭން، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ވަނީ އެކަމުގެ ހައްލު ގެނެސް ދޭން ތައްޔާރުވެފަ އެވެ. އެއީ ބީސީސީ އިން މާލޭގައި މި ހަފުތާ ހުޅުވާ ސީޑްސް ބައި ބީސީސީ އެވެ.
"އަޅުގަނޑުމެން ސާވޭއެއް ކުރިން މިތަން ހަދަން. ކުރިއިއރު ފެނުނީ މަސައްކަތެއް ފަށަން ވަރަށް މުހިންމު ކަމަށްވޯކް ސްޕޭސް. އެހެންވެ މިތަން ފުރިހަމަ ވަސީލަތްތަކާއެކު ހުޅުވަން ނިންމީ،" ބީސީސީގެ ޗީފް ކޯޕަރޭޓް އޮފިސަރު ސާމިހު އާދަމް ވިދާޅުވި އެވެ.
ބީސީސީގެ ސީޑްސް ކޯ-ވޯކް ސްޕޭސް ފަރުމާ ކޮށްފައި ވަނީ ވިޔަފާރިއެއް ފަށަން ހިޔާލު ސިކުނޑީގައި ބަހައްޓައިގެން އަންނަ ޒުވާނުންނަށް ބޭނުންވާގެ ފުރިހަމަ ވަސީލްތައް ހުންނަ ގޮތަށެވެ. މިތަން ފަރުމާކޮށްފައި ވަނީ އޮފީހެއްގައި ހުންނަ ހުރިހާ ވަސީލްތަކާއެކުގަ އެވެ. ޕްރިންޓިން ހިދުމަތުން ފެށިގެން ވޯކް ސްޓޭޝަންތަކާއި މީޓިން ރޫމް ވެސް މި ތަނުގައި ހުންނާނެ އެވެ. މިތަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އޮންޓަޕްރިނިއާ އަދި ސްޓާޓްއަޕްސް ތަކަށް ވެސް ބޭނުން ކުރެވޭނެ ތަނަކަށްވާނެ ކަަމަށް ސާމިހު ވިދާޅުވި އެވެ.
ސާމިހް ވިދާޅުވީ އެތަނުގައި އެއް ފަހަރާ 30 މީހުންނަށް މަސައްކަތް ކޮށްލެވޭނެ ކަމަށާއި ތަން ދޭނީ ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އަގުތައް އިއުލާން ކުރާނީ ހުޅުވުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
މީޓިންތައް ބޭއްވޭނެ ވަސީލަތްތަކާއެކު މި ވޯކްސް ސްޕޭސް ހުޅުވަނީ ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރަ ހިންގާ މ. ކަނީރު ވިލާގެ އެއް ވަނަ ފްލޯގަ އެވެ.
ސާމިހް ވިދާޅުވި ގޮތުގައި ވޯކް ޕްލޭސްއެއްގެ އިތުރުން އޮފީހަކުން ލިބެން ހުންނަ ވަސީލަތްތައް އެތާނގައި ފުރިހަމަވާނެ އެވެ.
ބީސީސީ އިން ދަނީ މިތަނުގެ އިތުރުން ހުޅުމާލޭގައި "ކޯޝެއާޑް ކިޗަން" އެއްވެސް ހަދަމުންނެވެ. މިތަނަނީ އަމިއްލައަށް ތަކެތި ނުގެންގޮސް މަސައްކަތް ކޮށްލެވޭނެ މާހައުލެކެވެ.