ބިޒްނަސް ސެންޓާ ކޯޕަރޭޝަން

ބީސީސީ އަށް ޓީވީ ޗެނަލެއް ހަދަން ލައިސަންސް ދީފި

ސަރުކާރުގެ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ން ޓީވީ ޗެނަލެއް ހަދަން އެ ކޯޕަރޭޝަނަށް ލައިސަންސެއް ދީފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި ބީސީސީން ބުނީ އެ ކުންފުނީގެ ޓީވީ ޗެނަލް މޯލްޑިވްސް ބިޒްނަސް ނެޓްވޯކް (އެމްބީއެން) އަށް ބްރޯޑްކާސްޓިން ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ޓީވީ ޗެނަލް ހަދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރަރުވަން ބޭނުންވާ އެކިއެކި ފުރުސަތުތައް ފުޅާކޮށް ރައްޔިތުންގެ އިގްދިސޯދީ މާލީ ހޭލުންތެރިކަން އިތުރު ކުރާށެވެ، އެ ޗެނަލް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ވިޔަފާރި ތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މައުލޫމާތުތަކާއި ވިޔަފާރީގެ ނަފާ އިތުރުކޮށް ދެމެހެޓެނިވިގޮތެއްގައި ވިޔަފާރިކުރަން ބޭނުންވާ ފަންނީ އިރުޝާދާއި މައުލޫމާތު ވެސް ދޭނެ އެވެ.

މި ޗެނަލް ހިންގާނީ ޕަބްލިކް ސާވިސް އެއްގެ ގޮތުގައި ކަމެއް ވިޔަފާރި އުސޫލުން ކަމެއް ސާފު ކޮށްދީފައެއް ނުވެއެވެ. މިހާރު ވެސް ދައުލަތުން ބޮޑު ބަޖެޓެއް ދީ، ވިޔަފާރި ކުރުމުގެ ފުރުސަތުވެސް ދީގެން ސަރުކާރުން ޕަބްލިކް ސާވިސް މިޑިއާގެ ނަމުގައި ރޭޑީއޯ އާއި ޓީވީ ހިމެނޭ ގޮތުން ގިނަ ޗެނަލްތަލެއް ހިންގަ އެވެ.

ބީސީސީން ބުނީ ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރިތަކަށް ހާއްސަ މި ޓީވީ ޗެނަލްގެ ކޮންޓެންޓުގައި ވިޔަފާރިއާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތަކާއި މައުލޫމާތު ފޯރު ކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ވިޔާފާރިއާއި ޓެކްނޮލޮޖީ އަދި ކުޅިވަރު އަދި ވިޔަފާރިއާ ގުޅުންހުރި މުނިފޫހިފިލުވުގެ ޕްރޮގްރާމްތައް ވެސް ހިމެނޭނެ ކަމަށެވެ.

ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެވެ. މި ކުންފުނިން މިހާރު ދަނީ ޑިއުޓީފްރީ އާއި ހުޅުމާލޭގައި ދިވެހި އުފެއްދުންތައް ވިއްކަން ފިހާރަ ވެސް ހިންގަމުންނެވެ.