ކުޅިވަރު

ގްރީޒްމަންގެ އެއްބަސްވުން އެތުލެޓިކޯ އިން ދާއިމީކޮށްފި

ބާސެލޯނާއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮންޓުއަން ގްރީޒްމަންގެ ލޯނު އެއްބަސްވުން އެ ކްލަބުން ދާއިމީކޮށްފި އެވެ.

މިދިޔަ އަހަރު ގްރީޒްމަން ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސެލޯނާ އިން އެތުލެޓިކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ ލޯނުގެ މުއްދަތުގައި އެތުލެޓިކޯގެ މެޗުތަކުގައި ގްރީޒްމަން 50 ޕަސެންޓް މިނިޓް ކުޅުމެވެ. އަދި ވަކި އަދަދަކަށް މެޗު ހަމަވެއްޖެ ނަމަ ގްރީޒްމަންގެ ފީގެ ގޮތުގައި 40 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.

އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމާއި ގުޅިގެން ގްރީޒްމަންގެ ޓްރާންސްފާ ދާއިމީ ކުރުމުގައި ދެ ކްލަބުގެ މެދުގައި ދެބަސްވުންތަކެއް ހިނގި އެވެ.

މި މާއްދާ އަށް ވިސްނައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އުމުރުން 31 އަހަރުގެ ގްރީޒްމަން ގިނައިން ބޭނުންކުރަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މި ސީޒަނުގައި އެތުލެޓިކޯ އަށް ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުގައި ގްރީޒްމަން ކުޅެން އެރީ 60 މިނިޓް ކުޅުނު ފަހުންނެވެ.

ރެއާލް ސޮސިއެޑާޑް އިން ގްރީޒްމަން އެންމެ ފުރަތަމަ އެތުލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެފަހުން 2019 ވަނަ އަހަރު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ 108 މިލިއަން ޕައުންޑަށެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ގްރީޒްމަން ވަނީ 102 މެޗުގައި 35 ގޯލު ޖަހައިފަ އެވެ.

ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް 304 މެޗު ކުޅެދީ 144 ގޯލު ޖަހައިފަ އެވެ. އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖެހީ ގްރީޒްމަން އެވެ. މި ސީޒަނުގައި ކުޅުނު 11 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިގެން ގްރީޒްމަން ކުޅުނީ އެންމެ ތިން މެޗެވެ. ސީޒަނުގައި ގްރީޒްމަން ވަނީ މިހާތަނަށް ތިން ގޯލު ޖަހައި ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
އެތުލެޓިކޯއާ އެކު ގްރީޒްމަން ވަނީ ޔޫއެފާ ޔުރޮޕާ ލީގާއި ސްޕެނިޝް ސުޕަ ކަޕްގެ އިތުރުން ޔޫއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ގްރީޒްމަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަންނަ މަހު ވޯލްޑް ކަޕް ފަށާއިރު ގްރީޒްމަންގެ ސޮއި ދާއިމީ ކުރެވުމަކީ އެތުލެޓިކޯ އަށް ލިބުނު ހިތްހަމަޖެހުމެކެވެ. ދާއިމީ ކުޅުންތެރިއެއްގެ ގޮތުގައި އެތުލެޓިކޯއާ އެކު ގްރީޒްމަން އެންމެ އަވަހަށް ނުކުންނާނީ މި ހަފްތާ ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.