ކުޅިވަރު

ދާއިމީވެ ކުޅުނު ފުރަތަމަ މެޗުގައި ގްރީޒްމަން އެތުލެޓިކޯ މޮޅުކޮށްދީފި

އެތުލެޓިކޯއާ އެކު ހަދާފައިވާ ލޯނު އެއްބަސްވުން މިދިޔަ ހަފްތާ ދާއިމީ ކުރުމަށް ފަހު އޮންޓުއަން ގްރީޒްމަން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖަހައި އެޓީމު މޮޅުކޮށްދީފި އެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން މޮޅުވީ 1-0 އިންނެވެ. މުހިއްމު މޮޅުގައި ގްރީޒްމަން ގޯލު ޖެހީ ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގަ އެވެ. މި ލަނޑު ގްރީޒްމަން ޖެހީ އަލްވާރޯ މޮރާޓާގެ އެހީތެރިކަމާ އެކު އެވެ. މިއީ އެތުލެޓިކޯ އަށް ގްރީޒްމަން ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.

ބާސެލޯނާ ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީޒްމަން އެތުލެޓިކޯ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭނާގެ ލޯނު އެއްބަސްވުން އެތުލެޓިކޯ އަށް މިދިޔަ ހަފްތާ ދާއިމީ ކުރެވުނީ ގިނަ މަޝްވަރާ ތަކަކަށް ފަހު އެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް އަށް އަނިޔާވެ ދެވަނަ ހާފުގައި ބަދަލުކުރަން ޖެހުނެވެ. އޮބްލަކްގެ ބަދަލުގައި ކުޅެން އެރި ބަދަލު ގޯލްކީޕަރު އީވޯ ރިބިކް ވަނީ އެތުލެޓިކް ބިލްބާއޯގެ ގާސިއާ ޖެހި ނުރައްކާތެރި ހަމަލާއެއް މަތަކޮށްފަ އެވެ. މެޗުގެ ފަހުކޮޅު އެތުލެޓިކް ބިލްބާއޯ އަށް ރެފްރީ ޕެނަލްޓީއެއް ދިނުމަށް ފަހު ވީއޭއާރުގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. ގިނަ ފައުލްތަކެއް ފެނުނު މެޗުގައި އެތުލެޓިކޯގެ ހަ ކުޅުންތެރިއަކަށް ވަނީ ކާޑު ދައްކައިފަ އެވެ.

މޮޅާ އެކު އެތުލެޓިކޯ ވަނީ ނުވަ މެޗުން 19 ޕޮއިންޓް ހަމަކޮށް ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. މި ދެޓީމުގެ ވާދަވެރި ކުރިމަތިލުން މިރޭ އޮންނާނެ އެވެ.

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އާއި ކާޑީޒް ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު ވެލެންސިއާ އާއި އެލްޗޭ ވާދަކުރި މެޗު އެއްވަރުވީ 2-2 އިންނެވެ. މަޔޯކާގެ ދަނޑުގައި 0-1 އިން މޮޅުވެ ސެވިއްޔާ ވަނީ 13 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.