ޑިއޭގޯ ސިމިއޯނޭ

ގްރީޒްމަނަށް ސިމިއޯނޭގެ ޝައުގުވެރިކަން އެބައޮތް

އެންޓްއާން ގްރީޒްމަން ބާސެލޯނާގައި ހުއްޓަސް އަބަދުވެސް އޭނާއާ މެދު ޝައުގުވެރިވާ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް، ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ ޖުލައި 2019 ގަ އެވެ. އެތުލެޓިކޯގައި ދެއްކި ކުޅުމެއް ބާސެލޯނާގައި ދެއްކޭ ގޮތެއް ނުވެ އެވެ. މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި މިރޭ ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގްރީޒްމަންގައި ބާސާއަށް ކުރިމަތި ވެފައިވާ އުނދަގޫ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ސިމިއޯނޭ ބޭނުމެއް ނުވި އެވެ.

ބާސާގައި ގްރީޒްމަން ހުއްޓަސް ސިމިއޯނޭގެ އިހުތިރާމް ގްރީޒްމަންއަށް އެބައޮތެވެ. އޭނާ ވަނީ އެ އިހްތިރާމް އޮތްކަން ހާމަ ކޮށްފަ އެވެ.

"އަހަރެން އަމިއްލަ ގޮތުންވެސް އެންޓްއާން އާ މެދު ޝައުގުވެރިވޭ،" އޭނާގެ ކުރީގެ ކުޅުންތެރިޔާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ސިމިއޯނޭ ބުންޏެވެ. "ބާސެލޯނާގައި އޭނާ އާ މެދު ކަންތައް ވެގެންދާ ގޮތާމެދު ވާހަކަ ދެއްކުން އެއީ އަހަންނަށް އެކަށީގެންވާ ކަމެއް ނޫން. އެ ސުވާލުތަކަކީ އޭނާގެ ކޯޗަށް ކުރަން ޖެހޭނެ ސުވާލުތަކެއް."

ބާސެލޯނާގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަން އަކީ، ސިމިއޯނޭ އާ ކުރިމަތިލާ ބާސާގެ ހަތް ވަނަ ކޯޗެވެ. ސިމިއޯނޭ ބުނީ، ކޮންމެ ކޯޗެއްވެސް އައިސް އެ ކޯޗެއްގެ ހިޔާލު ދަނޑުމަތީގައި އެކަށައެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް ބާސެލޯނާ އަކީ ގިނަ އަހަރުރަކެއް ވަންދެން އެއް ކުޅުންތެރިންތަކެއް ޑޮމިނޭޓް ކުރާ ކުލަބަކަށް ވުމުން އެ ޓީމުގެ ރަސްމީ ސްޓައިލް އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

އެތުލެޓީކޯ އާއި ބާސާ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގަ އެވެ.