އެންޓޯނީ ގްރީޒްމަން

ގްރީޒްމަނަށް ނުކުޅެވޭ ގޮތްހަދަން އެތުލެޓިކޯ އެދިއްޖެ

އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާއަށް ބަދަލުވި، ފްރާންސްގެ އެންޓްއާން ގްރީޒްމަނަށް ބާސާގައި ނުކުޅެވޭނެ ގޮތް ހަދައިދޭން އެތުލެޓިކޯ މެޑްރިޑުން ލަލީގާއަށް ހުށަހަޅައިފި އެވެ.

ގްރީޒްމަންގެ ޓްރާންސްފާއާ ހެދި ބާސާ އާއި އެތުލެޓިކޯއާ ދެމެދު ވަނީ ހިތްހަމަ ނުޖެހުންތަކެއް އުފެދިފަ އެވެ. އެތުލެޓިކޯއިން މައްސަލަ ހުށަހެޅީ، ގްރީޒްމަންގެ ޓްރާންސްފާ ފީގެ އަގު ދަށް ކުރުމުގެ ކުރިން ބާސާ އާއި ގްރީޒްމަން އާ ދެމެދު އެއްބަސްވުމެއް ވެފައިވާތީ އިތުރު 80 މިލިއަން ޔޫރޯ ދިނުމަށެވެ.

އެތުލެޓިކޯގެ ހުށަހެޅުމުގައި ވަނީ ބާކީ 80 މިލިއަން ޔޫރޯ ނުދެނީސް އޭނާއަށް ބާސާއަށް ކުޅުމުގެ ލައިސެންސް ނުދިނުމަށެވެ. ބާސާއިން ގްރީޒްމަން ގެންދިޔައީ އެތުލެޓިކޯއަށް 120 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ. މިދިޔަ އަހަރު ޖޫން މަހު އެތުލެޓިކޯ އާއެކު ގްރީޒްމަން ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ ޓްރާންސްފާ ފީ އަކީ 200 މިލިއަން ޔޫރޯ އެވެ. މި އަހަރުގެ ޖޫން މަހު އެތުލެޓިކޯއިން ވަނީ އެ އަގު 120 މިލިއަނަށް ތިރި ކޮށްފަ އެވެ.

އެތުލެޓިކޯއިން ތުހުމަތު ކުރާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހު ބަސާއިން ވަނީ ގްރީޒްމަން އާއެކު އެއްބަސްވެފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ބާސާއިން ދޮހު ކުރެ އެވެ. އެ ކުލަބުން ބުނީ ގްރީޒްމަން އާއެކު ޓްރާންސްފާގެ ވާހަކަތައް ދައްކަން ފެށީ ވެސް އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ބުނެ އޭނާ ވާހަކަ ދައްކާފައިވާ ވީޑިއޯ އެތުލެޓިކޯއިން ސޯޝަލް މީޑީއާގައި ޕޯސްޓް ކުރި ފަހުން ކަމަށެވެ.

އެތުލެޓިކޯއިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ލަލީގާ ރައީސް ހާވިއާ ޓެބަސް ވިދާޅުވީ، ގްރީޒްމަންއަށް ބާސާއަށް ކުޅުމުގެ ލައިސެންސް ނުދިނުމަށް އެދި އެތުލެޓީކޯއިން މައްސަލަ ހުށަހަޅާފައި ވަނީ އެކަމާ ގުޅުން ހުރި ލިޔުންތަކަކާވެސް އެކުގައި ކަމަށެވެ.

"ކުޅުންތެރިޔާގެ ރަޖިސްޓްރޭޝަން ބުލޮކް ކުރުމަކީ ކުރެވެން އޮތް ކަމެއް،" ޓެބަސް ވާހަކަ ދެއްކި އެވެ. "އަހަރެމެން މިހާރު މި ބަލަނީ އެ މައްސަލަ ހައްލު ކުރެވޭތޯ."

ލަލީގާގެ އިތުރުން ސްޕެއިންގެ ރޯޔަލް ފުޓްބޯޅަ ފެޑްރޭޝަނަށާއި، ސްޕެއިންގެ ލޭބާ ކޯޓަށްވެސް އެތުލެޓިކޯއިން ވަނީ މައްސަލަ ހުށަހަޅާފަ އެވެ.