އެންޓޯނީ ގްރީޒްމަން

ބާސާއަށް ކުޑަ ޖޫރިމަނާއެއް، ދެ ޓީމުން އިސްތިއުނާފަށް

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެތުލެޓިކޯ މެޑްރިޑުން ވާދަވެރި ބާސެލޯނާއަށް ބަދަލުވި، އެންޓްއާން ގްރީޒްމަންގެ ޓްރާންސްފާގައި ބާސާއިން ގަވާއިދާ ހިލާފު ވެފައި ވާތީ، އެ ކުލަބާ ދެކޮޅަށް އެޅި ޖޫރިމަނާގެ މައްސަލަ އިސްތިއުފް ކުރުމަށް ދެ ކުލަބުން ވެސް ތައްޔާރު ވެއްޖެ އެވެ.

ޓްރާންސްފާގައި ގަވާއިދާ ހިލާފުވުމުން ސްޕެނިސް ފުޓްބޯލް ފެޑްރޭޝަނުން ބާސާ ޖޫރިމަނާ ކުރީ 300 ޔޫރޯ އަށެވެ. ބާސާއިން ގްރީޒްމަން ގެންދިޔައީ، އެތުލެޓިކޯ އަށް 120 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ. މީގެ އެއް އަހަރު ކުރިން އެތުލެޓިކޯ އާއެކު ގްރީޒްމަން ހެދި އެއްބަސް ވުމުގައި ވާގޮތުން އެހެން ކުލަބަކަށް ގްރީޒްމަން ދޫކޮށް ލެވޭނީ 200 މިލިއަން ޔޫރޯ ދިނުމުންނެވެ.

ބާސާއިން ވަނީ މި އަހަރު މާޗް މަހު ގްރީޒްމަން އާއި އޭނާގެ އެޖެންޓުންނާ ވާހަކަ ދައްކައި ޓްރާންސްފާ އާ ބެހޭގޮތުން އެއްބަސް ވެފަ އެވެ. އޭރު ގްރީޒްމަންގެ ޓްރާންސްފާގެ އަގަކީ 200 މިލިއަން ޔޫރޯ އެވެ. އޭނާގެ އަގު 120 މިލިއަނަށް ކުޑަ ކުރީ މެއި މަސް ފެށުނު ފަހުންނެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައިވެސް އެތުލެޓިކޯއިން ވަނީ އެ މައްސަލަ ފެންމަތި ކޮށްފަ އެވެ. ކުލަބުގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިޔަކާއެކު ޓްރާންސްފާއާ ބެހޭގޮތުން ވާހަކަ ދެއްކުމުން ބާސާގެ މައްސަލަ އެތުލެޓިކޯއިން ހުށަހެޅި އެވެ. އޭރު ބާސާގެ ރައީސް ޖޯސެފް މާރިއާ ބޭޓެމެއު ވިދާޅުވީ، ގްރީޒްމަންގެ ޓްރާންސްފާ އާއި ބެހޭގޮތުން ބާސާއިން ވާހަކަ ދެއްކި އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ގްރީޒްމަން ބުނެފައިވާ ވީޑިއޯ އެތުލެޓިކޯއިން ސޯޝަލް މީޑިއާގައި އާންމު ކުރި ފަހުން ކަމަށެވެ.

ބާސާގެ މައްޗަށް ކޮށްފައިވާ 300 ޔޫރޯގެ ޖޫރިމަނާއަކީ، ބާސާ ކަހަލަ ކުލަބަކަށް ކަނޑުން ނަގާ ފެންތިއްކެއްގެ މިސާލުގައިވާ އަދަދެކެވެ. މިދިޔަ ސީޒަންގައިވެސް ބާސާއަށް ފައިދާގެ ގޮތުގައި 990 މިލިއަން ޔޫރޯ ލިބުނެވެ. އެހެންނަމަވެސް އެ ކުލަބުން މައްސަލަ އިސްތިއުނާފް ކުރަނީ ޓްރާންސްފާގައި އެއްވެސް ގޯހެއް ހަދާފައި ނުވާކަން ސާބިތު ކޮށްދިނުމަށެވެ.

އެތުލެޓިކޯއިން މައްސަލަ އިސްތިއުނާފް ކުރަނީ، ބާސާއިން ހިންގި އަމަލާ ބަލާފައި އެއީ އެކަށީގެންވާ ވަރަށް ވުރެ މާކުޑަ އަދަބެއް ކަމަށް ވާތީ އެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަށްގައި އެތުލެޓިކޯ އާއި ބާސާ އާ ދެމެދު އަރާރުންތަކެއް ހިނގި އެވެ.