ގްރީޒްމަންގެ ޓްރާންސްފާއާ ހެދި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް އަނެއްކާވެސް އަރާރުން ވެއްޖެ އެވެ.
ގްރީޒްމަން ބާސާއަށް ބަދަލުވާން ވާހަކަ ދެއްކި ހިސާބުން، އެތުލެޓިކޯއިން ވަނީ، އެކަމުގައި ބާސާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އެތުލެޓިކޯއިން ބުނެފައި ވަނީ، މިދިޔަ ސީޒަންގެ މުހިންމު މެޗުތަކެއް ކުރިމަތީގައި ވަނިކޮށް ފެބްރުއަރީ މަހުގެ މެދުތެރެއިން ފެށިގެން ވެސް ބާސެލޯނާއިން ގްރީޒްމަން އާ ވާހަކަ ދެއްކިކަން އެތުލެޓިކޯއަށް އެނގިފައިވާ ކަމަށެވެ. އަދި އެއީ އެތުލެޓިކޯއަށް ބާސާ އާއި ގްރީޒްމަން ކުރި ބޭ އިހްތިރާމްގެ އަމަލެއްކަމަށް އެތުލެޓިކޯއިން ސިފަ ކޮށްފައި ވެއެވެ.
އެތުލެޓިކޯގެ ސީއީއޯ މިގްއެލް އެންހަލް ގިލް މާރިން، މިދިޔަ އަހަރު ވިދާޅުވެފައި ވަނީ، އަމިއްލަ ޓީމުގެ ކުޅުންތެރިންތަކަކާ ކޮންޓްރެކްޓް އާ ކުރުމަށް ވާހަކަ ދައްކާހެން، ބާސާއިން އެހެން ކުލަބުތަކުގެ ކުޅުންތެރިންނާ ޓްރާންސްފާގެ ވާހަކަ ދައްކާ ކަމަށެވެ.
ގުރީޒްމަންގެ ޓްރާންސްފާ ގުޅިގެން އެތުލެޓިކޯއިން ބުނީ، މާޗް މަހުން ފެށިގެން ގްރީޒްމަން އާއެކު ބާސާއިން އެއްބަސް ވެފައިވާ ކަމަށެވެ. އެތުލެޓިކޯގެ އެ ތުހުމަތުތައް ބާސާއިން ދޮގު ކުރެ އެވެ. އެ ޓީމުން ބުނެފައި ވަނީ، އެތުލެޓިކޯއިން ދައްކާ ވާހަކަތަކުގެ އެއްވެސް ހެއްކެއް އެ ޓީމުގެ އަތުގައި ނެތް ކަމަށެވެ.
ބާސެލޯނާގެ ރައީސް، ޖޯސެފް މާރިއާ ބާޓެމެއު ވިދާޅުވީ، އެތުލެޓީކޯއިން އެ ޓީމުގެ މަސްލަހަތު ތަކާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށާއި، ބާސާއިން ގްރީޒްމަން އާ ވާހަކަ ދައްކަން ފެށީ، އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ގްރީޒްމަން ބުނެފައިވާ ވީޑިއޯ ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރި ފަހުން ކަމަށެވެ.
"އަހަންނަށް ވަރަށް ރަނގަޅަށް ގަބޫލު ކުރެވޭ، ކޮންމެ ބަޔަކުވެސް އެބައެއްގެ މަސްލަހަތުތައް ދިފާއުކޮށް ވާހަކަ ދައްކާނެ، އަހަރެން ވާހަކަ ދެއްކިން އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯއާ ވެސް،" ބާޓެމެއު ވިދާޅުވި އެވެ. "އެހެންނަމަވެސް އަހަންނަކަށް ނުފެނޭ މި ވާހަކަ ތަށް އެ ޓީމު ކޮޅަށް ބުރަވާ ކަމެއް، އެކަހަލަ އެއްވެސް ކަމެއްވެސް ނެތް."
"އަހަރެމެން ގްރީޒްމަން އާ ވާހަކަ ދެއްކަން ފެށީވެސް، އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ގްރީޒްމަން ބުނެފައިވާ ވީޑިއޯ އެތުލެޓިކޯއިން ސޯޝަލް މީޑިއާގައި އާންމު ކުރި ފަހުން."