މިފަހަރުގެ ޓްރާންސްފާގައި އެންމެ ފަހު ވަގުތު އެތުލެޓިކޯއަށް ބަދަލުވި އެންޓޯނިއޯ ގްރީޒްމަން އިންޓަނޭޝަނަލް ބްރޭކަކަށްފަހު އެތުލެޓިކޯ ކުޅޭ ފުރަތަމަ މެޗުގައި ފެނުން ވަރަށް ގާތެވެ.
އާންމު ގޮތެއްގައި ކިތަންމެ މޮޅު ކުޅުންތެރިއެއް ނަމަވެސް ޓީމު ބަދަލުކުރުމަށްފަހު ފުރަތަމަ 11 އަށް ނަގަނީ ރަނގަޅު ފަރިތަކުރުން ތަކަކަށް ފަހު އެވެ. އެކަމަކު އިންޓަނޭޝަނަލް ބްރޭކު ނިންމުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު އެސްޕަންޔޯލް އާއި އެތުލެޓިކޯ ބައްދަލުކުރާ މެޗުގައި އެތުލެޓިކޯގެ ފުރަތަމަ 11 އިން ގްރީޒްމަން ފެނުން ވަރަށް ގާތެވެ.
އެއީ ޓީމުގެ ފޯވާޑަކަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް އެ މެޗަށް ފިޓް ނުވުމުގެ އިތުރުން، އިންޓަނޭޝަނަލް ބްރޭކަކަށްފަހު އެތުލެޓިކޯގެ އެންހެލް ކޮރެއާ އަދި މެތިއުސް ކުންހާ ޓީމާއި ގުޅުމުގައި ލަސް ތަކެއް އުޅޭތީ އެވެ. އެހެންކަމުން އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނޭއަށް މިވަގުތު އޮތް އެންމެ އެދެވޭ ގޮތަކީ ގްރީޒްމަން ފުރަތަމަ 11 ގައި ހިމެނުމެވެ.
އަނެއްކޮޅުން މިވަގުތު ގްރީޒްމަން ހުރީ ގޯލު ޖެހުމުގައި ރަނގަޅު ފޯމެއްގަ އެވެ. އުމުރުން 30 އަހަރުގެ ގްރީޒްމަން ވަނީ މިފަހުން ވޯލްޑްކަޕް ކޮލިފައިންގައި ފްރާންސް ޓީމަށް ތިން ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
މީގެ އިތުރުން 2014 އިން 2019 އަށް އެތުލެޓިކޯގައި ކުޅުނު ގްރީޒްމަން އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ބީރައްޓެއްސެއް ނުވާނެ އެވެ. ގްރީޒްމަން އަކީ އެތުލެޓިކޯގެ ޕެޓާން އާއި ދޯޅު، ސިމިއޯނޭގެ އިރުޝާދަށް ތަބާވަން އެނގުމުގެ އިތުރުން އެޓޭކު ކުރުމާއި ޑިފެންސް ކުރުމުގައި ވެސް އޭނާގެ ދައުރު އެތުލެޓިކޯގައި މީގެ ކުރިން ވަރަށް ރަނގަޅަށް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.
އެހެންކަމުން ގްރީޒްމަން ފުރަތަމަ 11 ގައި ހިމެނުމާއި ނުހިމެނުމާއި މެދު އެންމެ ފަހު ވަގުތާއި ޖެހެންދެން ސިމިއޯނޭ ވިސްނާނެ އެވެ. ގްރީޒްމަން ފުރަތަމަ 11 އިން ނުފެނިއްޖެ ނަމަ އެމަގާމުން ދެން ފެންނާނެ ކަމަށް ބެލެވެނީ ޔެނިކް ކޮރޮސްކާ، ޖޯފީލިކްސް ނުވަތަ މާކޯސް ލޮރެންޓޭ އެވެ. މި ކުޅުންތެރިންނަކީ ގިނަ މަގާމު ތަކަކަށް ކުޅެވޭ ކުޅުންތެރިންނެވެ.