ލަ ލީގާ

ސުއަރޭޒްގެ ދެ ގޯލުން އެތުލެޓިކޯއަށް މޮޅެއް

ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް ޖެހި ދެ ގޯލުން އެތުލެޓިކޯ މޮޅުވެއްޖެ އެވެ.

ގެޓާފޭގެ ދަނޑުގައި ރޭ ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑޫ ނެގީ ގެޓާފޭ ޓީމުންނެވެ. މި ގޯލަކީ މަތިމަތިން އައި ބޯޅައިއެއް ގެޓާފޭގެ މިޓްރޯވިޗް ބޮލުން ފޮނުވާލުމުން ގޯލުގެ އަރިމަތީ ދަނޑީ ޖެހިފައި އެތުލެޓިކޯގެ ކީޕަރު އޮބްލަކްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މި ގޯލުގެ އިތުރުން ވެސް ގެޓާފޭ އިން ވަނީ ރެގެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ އެތުލެޓިކޯގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ގެޓާފޭ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގޯލު ޖެހުމަށް އެތުލެޓިކޯއިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އަދި ގެޓާފޭގެ ކާލްސް އަލޭނާއަށް މެޗުގެ 74 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުން ވެގެން ދިޔައީ އެތުލެޓިކޯ ކުރަމުން ދިޔަ މަސައްކަތް އިތުރަށް ފަސޭހަ ވެގެން ދިޔަ ސަބަބެކެވެ.

އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނަގައި އެތުލެޓިކޯއިން އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 78 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ އޭރިއާ ތެރެއަށް ދިން ތުރޫ ޕާހެއްގެ ބޭނުން ހިފައިގެން ސުއަރެޒް ޖެހި ގޯލެކެވެ. އެތުލެޓިކޯއިން ލީޑު ނެގީ މެޗުގެ ފަހު މިނެޓުގައި މަތިމަތިން އައި ހުރަހެއް ސުއަރެޒް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާ އާއި އެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ 14 ޕޮއިންޓާއި އެކުގަ އެވެ. ރެއާލް މެޑްރިޑަށް ތާވަލުގެ ދެވަނަ ލިބެނީ 13 ޕޮއިންޓުންނެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު އެތުލެޓިކް ކްލަބުގެ މައްޗަށް ރާޔޯ ވަލެކާނޯ ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ސެލްޓާ ވީގޯއިން ލެވާންޓޭ ބަލިކުރީ 2-0 އިންނެވެ.