ކެބިނެޓް

ކަނޑުދަތުރުފަތުރާ ގުޅޭ ޖަމިއްޔާއެއްގައި ބައިވެރިވާން މަޖިލީހަށް ހުށަހަޅަނީ

Oct 11, 2022

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް (އައިއޭއެލްއޭ)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައި ވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އައިއޭއެލްއޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް، ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެ އެވެ.

މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިވެގެން ދިއުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާ ވެގެންދިއުން ހިމެނެ އެވެ.

މީގެ އިތުރުން އެއިޑްސްޓު ނެވިގޭޝަން، ހާއްސަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ މަޢުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެ ގޮތްތައް ފަހިވެ، މިކަންކަމުގައި އުގަމުތަކަށް އެހީތެރިކަން ލިބިގެން ދިއުންވެސް މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހިމެނެ އެވެ.

މިއީ ކަނޑުގެ މާހައުލު ހިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.