އެޕަލް ފޯނެއް ނުވަތަ އަތުކުރި ގަޑިއެއް ގަތުމަކީ ބޮޑު ހަރަދެއް ނަމަވެސް އެ ބޭނުންކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ އެއްޗެތި ގަންނަން ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އޭގެން ކުރާ ފައިދާ އަގަށް ވުރެ މާބޮޑެވެ.
ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ އެޕަލްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެޕަލް އަތުކުރި ގަޑިއަކީ މިހާރު ވަރަށް މަގުބޫލު ވެފައިވާ އެއްޗެކެވެ. އެއީ އެ ގަޑި އަޅާލައިގެން ހުންނައިރު އެމީހާއަށް ސިއްހީ ގޮތުން އަންނަ ބަދަލުތައް ވެސް ބަލައިލެވޭތީ އެވެ. ނަމަވެސް މީހަކު ބަނޑުބޮޑުކަން އެޕަލް ފޯނަކުން ބުނެދީފާނެ ހެއްޔެވެ؟
ރެޑިޓްގައި މައުލޫމާތު ހިއްސާކުރި އަންހެނަކު ބުނާ ގޮތުންނަމަ އެކަން ވެސް އެޕަލް ފޯނުން ކޮށްދެ އެވެ. އެ އަންހެން މީހާ ބުނީ އޭނާ ބަނޑުބޮޑުކަން އެނގުނީ އެޕަލް ފޯނުން އެ ވާހަކަ ބުނުމުންނެވެ.
އެމީހާ ބުނި ގޮތުގައި އޭނާގެ ހިތުގެ ހިނގުން މަތިވާ ވާހަކަ އޭނާގެ އަތުގައި އޮތް އެޕަލް ވޮޗުން ބުނާތާ 15 ވަރަކަށް ދުވަސް ވެއްޖެ އެވެ.
"އާއްމުކޮށް އަހަރެންގެ ރެސްޓިން ހާޓް ރޭޓް ހުންނަނީ 57 ގައި. އެ ރޭޓް 72 އަށް އިތުރުވީ. މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ މަތިވުމަކަށް ނުވިޔަސް 15 ވަރަކަށް ދުވަހު މިހާ ވަރުގައި ހުރީމަ އަހަރެންނަށް ވިސްނަން މަޖުބޫރުވި މިވަނީ ކިހިނެއްކަން،" އެމީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ހިތް ހިނގާ ރޭޓް މަތިވި ސަބަބު ހޯދަން އޭނާއަށް މަޖުބޫރުވެ އެ މަސައްކަތް ފެށީ އެޕަލް ވޮޗުން އެގޮތަށް ދެއްކީމާ ކަމަށެވެ. ދެން އޭނާ އިންޓަނެޓުން ބެލީ އެގޮތަށް ހިތުގެ ހިނގުން މަތިވެދާނެ ސަބަބު ތަކެވެ.
"އަހަރެން ކީ އެއް ލިޔުމެއްގައި އޮތް ބަލިވެ އިނދެ ކުރީކޮޅުގައި ވެސް ހާޓް ރޭޓް މަތިވެދާނޭ. އެހިސާބުން އަހަންނަށް ހިޔާލު އައީ ޕްރެގްނަންސީ ޓެސްޓް ހަދަން. އެ ޓެސްޓްގެ ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށް،" އަންހެންމީހާ ބުންޏެވެ.
އެމީހާ ގަބޫލުކުރި ގޮތުގައި އޭނާ ބަލިވެ އިންކަން އޭނާއަށް ވުރެ ކުރިން ސްމާޓް ވޮޗަށް އެނގިއްޖެ އެވެ. ސަބަބަކީ އޭރު އަދި އޭނާގެ ޕީރިއަޑް ލަސް ނުވާތީ އެހެން ވެދާނެ ކަމަށް އޭނާ ވިސްނާފައި ނެތީމަ އެވެ.
"އަހަރެން ވަރަށް ބިރުގަނެއްޖެ. ސަބަބަކީ އިތުރު ބޭބީއެއް މި ވަގުތު އަހަރެން ބޭނުން ނޫންވީމަ. ނަމަވެސް ވަރަށް ކުރީކޮޅު މިކަން އެނގުނީމަ އަހަރެންނަށް ވިސްނާލައި ވަކި ގޮތެއް ނިންމަން ވަގުތު ލިބުނު،" އެމީހާ ބުންޏެވެ.