ރައްޔިތުންގެ މަޖިލިސް

މެންބަރުން ޑްރަގު ބޭނުންކުރައްވާ ކަމުގެ ތުހުމަތާ އެކު ނަޝީދު ކޯފާވެއްޖެ

Oct 12, 2022
2

މަސްތުވާތަކެތި ބޭނުންކުރައްވައިގެން މަސްތުގެ ހާލަތުގައި ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތުހުމަތުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާވެއްޖެ އެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޝަރީފް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ބިނާކުރަނިވި ހިޔާލުފާޅުކުރެވޭ، ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ވާހަކަދައްކައިގެން ހައްލު ހޯދާ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ޒާތީ ތައައްސަބާއި ނަފްރަތާއި ރުޅިވެރިކަމުގައި މަޖިލީހަކީ ޒުވާބުކުރާ، ހަށަވާދަކުރާ، ގައުމު ސުންނާފަތި ވިޔަސް ވަރިހަމަކަމަށް ޖާގަ ދީގެން ތިބޭ ތަނަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހިތާމަޔާ އެކު ދަންނަވަންޖެހެނީ އެފަދަ ގޮތަަކަށް އެކަންކަން ވަމުން އެބަދެއޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް މިހެން ވިދާޅުވުމާ އެކު ރައީސް ނަޝީދު ވަނީ ޝަރީފްގެ ވާހަކަ ހުއްޓުވާފަ އެވެ. އޭގެފަހުގައި ރައީސް ނަޝީދު ވަނީ ޝަރީފްގެ ވާހަކަތައް ފުރަތަމަ ރަނގަޅު މަގުގައި ބަހައްޓަވަން ދަންނަވާފަ އެވެ. މެންބަރު ޝަރީފް ރަނގަޅު މަގުގައި އަމަލުކުރެއްވުމުން ކަންކަން ކުރިއަށް ދާނީ ރަނގަޅު މަގުގައި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ނަޝީދު ވިދާޅުވީ ވަރަށް ހިތާމަކުރައްވާ ފަދަ ވާހަކަފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ "ޑްރަގް އައްޑާއަކަށް" ވެގެން ނުވާނެ ކަމަށެވެ.

"މަޖިލިސް ގޯތި ތެރޭގައި ފަޅުގައި ޑްރަގް ބޮއެގެން މަސްތުގެ ހާލަތުގައި މިތަނަށް އައިސް މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މިތަނުގައި ދެވިގެން ނުވާނެ. މިތާންގައި އެބަޖެހޭ ބުރެތު އެނަލައިޒަރެއް ބަހައްޓަން،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން މަސްތުވާތަކެތި ބޭނުންކުރައްވާ ކަމަށް ޝަރީފް ތުހުމަތު ކުރެއްވުމާ ގުޅިގެން ޝަރީފްގެ ވާހަކަފުޅު ދެވަނަ ފަހަރަށް ހުއްޓުވުމަށްފަހު ނަޝީދު ވާހަކަދެއްކެވީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެން އިންނަވަ އެވެ.

"އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ ގަދަރާއި އިއްޒަތް ނަގައިލުމަށް ސާބިތު ނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން. މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އޭނާ ކުރެއްވި ތުހުމަތާ މެދު ވިސްނަވަންޖެހޭ ކަމަށެވެ. ކަމުގެ ހަގީގަތް އެނގޭނީ މަޖިލީހުގައި ބްރެތު އެނަލައިޒާއެއް ބެހެއްޓުމުން ކަމުގައިވެސް ވިދާޅުވި އެވެ.