ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހިލޭ އެހީގެ ދަށުން ފަންޑު މެނޭޖުމަންޓުން ހިންގާ، ޓޫރިޒަމް ކުދި ވިޔަފާރިއަށް އެހީވުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 379 ފަރާތަކަށް 14 މިލިއަން ރުފިޔާ ދީފަ އެވެ.
މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ބުނީ އީޔޫގެ އެހީއަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 379 ފަރާތަކަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 14.2 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވެ އެވެ.
ފަންޑު މެނޭޖުމަންޓުން މިހާރު ވަނީ އީޔޫގެ އެހީ ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް އަލުން ހުޅުވާލާފަ އެވެ.
"އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަމޯލްޑިވްސް''ގެ ދަށުން އީޔޫއިން ހަދިޔާ ކޮށްފައިވާ ދެ މިލިއަން ޔޫރޯގެ ތެރެއިން 1.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 22,4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ އެދި ހުށަހެޅުމުގެ ފުރުސަތު ފަންޑު މެނޭޖުމަންޓުން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު އެވެ.
މި ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަންނަން ފުރުސަތު ދިނުމެވެ، އެގޮތުން ދޭ ހިލޭ އެހީ ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީ ތަކަށެވެ.
އެހީ ދިނުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އެހީ ހޯދަން ހުށަހަޅާއިރު އެފަރާތަކީ ސއްހަ އޮޕަރޭޓިން ލައިސެންސެއް އޮތުމާ އެކު 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ފަރާތަކަށް ވާންޖެހެ އެވެ. އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ އެނދަކަށް 2،453.76 ރުފިޔާ އެވެ.
އެހީ ހޯދަން ހުށަހަޅާއިރު ކަމާ ގުޅޭ ލިޔުންތައް ރަނގަޅަށް ފުރިހަމަކޮށްފައިވާނަމަ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެ އެވެ.