ރާއްޖޭގައި ފަތުރުވެރިކަމަށް އޮޕަރޭޓްކުރާ -- ހިންގާ ގެސްޓްހައުސްތަކުގެ އަދަދު ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމަށް ހިންގާ ގެސްޓްހައުސްތަކުގެ އަދަދު މިމަހުގެ ތެރޭގައި އިތުރުވި ނަމަވެސް މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.
އެ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިކަމަށް ހިންގަމުން ދިޔައީ 794 ގެސްޓްހައުސް އެވެ. ނަމަވެސް އޭގެ ކުރިން 26 ވަނަ ދުވަހު 811 ގެސްޓްހައުސް ހިންގަމުންދިޔަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ގެސްޓްހައުސްތައް ހިންގާ އަދަދަށް އައި ބަދަލު
- ޖެނުއަރީ 27 - 794 ގެސްޓްހައުސް
- ޖެނުއަރީ 26 - 811 ގެސްޓްހައުސް
- ޖެނުއަރީ 25 - 816 ގެސްޓްހައުސް
- ޖެނުއަރީ 14 - 825 ގެސްޓްހައުސް
- ޖެނުއަރީ 12 - 932 ގެސްޓްހައުސް
- ޖެނުއަރީ 7 - 929 ގެސްޓްހައުސް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 185،042 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މީގެ ތެރެއިން 25.6 ޕަސެންޓް -- 47،347 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ.
މިހާރު ހިންގަމުންދާ 794 ގެސްޓްހައުސްތަކުގައި ހުރި އެނދުގެ އަދަދަކީ 13،531 އެވެ. ގެސްޓްހައުސްތަކުގެ އަދަދު 932 ގައި ހުރިއިރު އެނދުގެ އަދަދަކީ 15،679 އެވެ.