ބޮލީވުޑް

ކިއާރާ-ސިދާރްތު، ޖެކީ-ރަކުލް ކައިވެންޏަށް ތައްޔާރުވަނީ

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާ ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހުގެ ސީޒަންގައި ސިދާރްތު ބައިވެރިވި އެޕިސޯޑުގައި ވާހަކަ ދައްކަމުން އޭނާ ބުނީ ކިއާރާއާ އޮންނަނީ ގާތް ރަހުމަތެރިކަން ކަމަށެވެ.

"ކޮފީ ވިތު ކަރަން"ގެ މިއަހަރުގެ ސީޒަންގައި ޝާހިދު ކަޕޫރާއެކު ކިއާރާ ބައިވެރިވި އެޕިސޯޑުގައި ވެސް މި ސުވާލު ކިއާރާއާ ކުރި އެވެ. އަދި މިއަހަރު ނިމޭއިރު ކިއާރާ ކައިވެނިކުރަން އުޅޭ ކަމަށް ބުނެ ޝާހިދު ވަނީ ކިއާރާއާ ދިމާވެސް ކޮށްފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި 2023ގެ އެޕްރީލް މަހު ސިދާރްތު އާއި ކިއާރާ ކައިވެނި ކުރަން ވަނީ ނިންމާފަ އެވެ.

މި ދެ ތަރިން ވެސް ބޭނުންވަނީ ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް ކައިވެނި ކުރި ގޮތަށް ބޮލީވުޑް އެކަކަށް ވެސް ދައުވަތު ނުދީ ހަމައެކަނި އާއިލާގެ މީހުން ކުރިމަތީގައި ކައިވެނި ކުރަން ކަމަށްވެ އެވެ.

ޖެކީ ބަގްނާނީ އާއި ރަކުލް ޕްރީތު ސިންގް ވެސް ކައިވެންޏަށް ތައްޔާރުވާން ފަށައިފި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވާ ޚަބަރެއްގައި ވަނީ ބުނެފަ އެވެ. މި ދެ އެކްޓަރުން ކައިވެނިކުރާކަން ޔަގީންކޮށްދީފައިވަނީ ރަކުލްގެ ބޭބެ އެވެ.

އޭނާ ބުނި ގޮތުގައި 2023ގައި އެމީހުން ކައިވެނިކުރާނެ ކަން އެއީ ޔަގީން ކަމެކެވެ. އެ ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި ކައިވެނި ކުރަން ބޭނުންވާ ކަމަށާއި އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށްވެސް ރަކުލްގެ ބޭބެ ބުނެފައި ވެއެވެ.

މިހާރު ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް ކައިވެނީގެ މަޝްވަރާތައް ފަށާފައިވީ ނަމަވެސް އަދި ވަކި ތާރީޚެއް ކަނޑަނޭޅޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޖެކީގެ ކޮއްކޮ އަމަން ވެސް ބުނީ ޖެކީ އާއި ރަކުލް އެކުގައި ބައެއް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ކަމަށާއި އަދި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދި ކައިވެންޏަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް ކައިވެނީގެ ތާރީޚު އަދި ކަނޑަނާޅާ ކަމަށް އޭނާ ވެސް ބުންޏެވެ.