ފެމިލީ ކޯޓް

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް މާހިރު

Oct 13, 2022

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ރ. އަލިފުށި، މެޑޯޒް، އިބްރާހިމް މާހިރު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އިސް ގާޒީ ކަމަށް މާހިރު އައްޔަންކުރަން ޖޭއެސްސީން ނިންމީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މާހިރު އަށް ފަތްކޮޅު ދިނުން އަންނަ ހަފްތާގައި އޮންނާނެ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވަމުން ގެންދަވަނީ ވެސް ގާޒީ މާހިރު އެވެ.

ގާޒީ މާހިރަކީ ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީ އެވެ. އެގޮތުން ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 12 އަހަރު ވެއްޖެ އެވެ.

ގާޒީ ކަމަށް މާހިރު އެންމެ ފުރަތަަމަ އައްޔަންކުރީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ނޮވެމްބަރު 9، 2005 ގައެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގަތީ މެއި 23، 2010 ގައެވެ.