ސުލޫކީ ގިނަ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި އެވެ.
ހަސަން މިއަދު ރިޓަޔާ ކުރެއްވީ ޝަރުއީ ދާއިރާގައި 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.
ޖޭއެސްސީ މިއަދު ވަނީ ގާޒީ ހަސަން ސައީދުގެ ރިޓަޔާމަންޓް ގަބޫލުކުރައްވާ ޝަރުއީ ދާއިރާއަށް އޭނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.
ހަސަން ސައީދު ރިޓަޔާ ކުރައްވާފައި މިވަނީ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީ އިން އެންމެ ފަހުން ނިންމި ސުލޫކީ މައްސަލައިގައި ހަސަން ސައީދު ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މި މަހުގެ 20 ވަނަ ދުވަހު ނިންމާފައި ވަނިކޮށެވެ.
ޖޭއެސްސީ އިން އެންމެ ފަހުން ހަސަން ސައީދު ސަސްޕެންޑް ކުރީ ފެމިލީ ކޯޓުގެ އިސް ގާޒީ އަކަށް އޭނާ ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލަ ސާބިތުވެގެންނެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދިން މައްސަލައިގައި ވެސް ޖޭއެސްސީ އިން ހަސަން ސައީދުގެ މައްސަލައެއް ބެލި އެވެ. މި މައްސަލަ ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހެޅީ ޕީޖީ އޮފީހުންނެވެ.
ހަސަން ސައީދު ފެމިލީ ކޯޓުގައި ހުންނަވައިގެން އެ ކޯޓުގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖޭއެސްސީން ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ދެ އަހަރާއި ފަސް މަސް ދުވަހަށް ވެސް ސަސްޕެންޑް ކޮށްފަ އެވެ.
ހަސަން ސައީދު ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް ޖޭއެސްސީން އޭނާގެ މައްސަލައެއް ކުރިން ބެލުމަށްފަހު ނަސޭހަތް ދީފަ އެވެ. ރިޓަޔާކުރެއްވިއިރު ހަސަން ސައީދު އެންމެ ފަހުން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ.
ސުލޫކީ މައްސަލައެއް ސާބިތު ނުވެ ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމުން އޭރު އެ ބޭފުޅަކަށް ލިބިވަޑައިގެންނެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ހަމަޖައްސައިދޭނެ އެވެ. އަދި އެބޭފުޅެއްގެ 18 އަހަރު ނުވާ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ ނުވަތަ ފިރިމީހާ އަށް ހެލްތު އިންޝުއަރެންސް ދައުލަތުން ހަމަޖައްސައިދޭނެ އެވެ.