ފެމިލީ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލަ ސާބިތުވެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދުން ފެށިގެން 14 ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
ހަސަން ސައީދާ ދެކޮޅަށް ބަލަމުންދިޔަ މައްސަލަ އަކީ އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ އަކަަށް ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލަ އެކެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން ގާޒީ ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަށް ލަފާދީފައިވީ ނަމަވެސް، ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށެވެ.
މިގޮތުން ގާޒީ ހަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ގާނޫނާއި ގަވާއިދާއި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.
މި މައްސަލައާއި ގުޅިގެން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ގާޒީ ހަސަން ސައީދު މިއަދުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އިއްޔެ ބޭއްވި ޖޭއެސްސީގެ 13 ވަނަ ޖަލްސާގައި ވަނީ ނިންމާފަ އެވެ.
ހަސަން ސައީދާ ގުޅޭ އިތުރު މައްސަލައެއް ޖޭއެސްސީން މިހާރުވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދިން މައްސަލަ އެވެ.
އަލީ ވަހީދުގެ މައްސަލައިގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ހަސަން ސައީދުގެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީއަށް މައްސަލަ ހުށަހެޅީ ޕީޖީ އޮފީހުންނެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައިވަނީ އަލީ ވަހީދު ފުރުވާލަން ހަސަން ސައީދު އަމުރު ނެރުއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ދެކޭ ކަމަށެވެ.
ހަސަން ސައީދު ފެމިލީ ކޯޓުގައި ހުންނަވައިގެން އެ ކޯޓުގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖޭއެސްސީން ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ދެ އަހަރާއި ފަސް މަސް ދުވަހަށް ވެސް ސަސްޕެންޑް ކޮށްފަ އެވެ.
ހަސަން ސައީދު ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް ޖޭއެސްސީން އޭނާގެ މައްސަލައެއް ކުރިން ބެލުމަށްފަހު ނަސޭހަތް ދީފަ އެވެ.