ފެމިލީ ކޯޓް

ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީ

May 9, 2023

ފެމިލީ ކޯޓަށް ގާޒީއަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޝައުގުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަގާމަށް ކުރިމަތިލުމަށް ކަމާ ގުޅޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާ ދިވެހިންނަށެވެ. އަދި ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާ އެކު މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެ އެވެ.

މަގާމަށް މީހަކު ހޮވާއިރު ފަނޑިޔާރުންގެ އަހްލާގާއި ސުލޫކީ މިންގަނޑަށް ބަލާނެ ކަމުގައިވެސް ޖޭއެސްސީ ބުނެ އެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.